އެކަކު އަނެކަކަށް ކުރާ އިއްޒަތާ އި އަބުރަކީ އިންސާނުންގެ ތޭރޭން ވާ އެންމެ މާތް އެއްސިފައެވެ. “ލޯބި” އުފެދޭނީ ލޯބިންނެވެ. “ގަދަރު” ލިބެނީ ގަދަރު ވެރި ވާން އެނގިގެންނެވެ ދެ ޖިންސް ތަފާތު ނުކޮށް އެކަކު އަނެކަކަށް ގަދަރު ކުރާނަމަ މުޖުތަމައުގައި އިންސާނުންގެ ގުޅުން ވަރަށްވެސް ރަނގަޅުވާނެއެވެ.
އަންހެނުންނަކީ މުޖްތަމައުގައި އެންމެ އިސްރޯލެއް އަދާކުރާ ބަޔަކަށް ވާއިރު އާއިލާ އެއްގެ ބިންގަލަކަށް ވެސް ވަނީ އަންހެނުންނެވެ. ކޮންމެ އަންހެންކީ ކޮންމެވެސް މީހެއްގެ އަންބަކަށް،މަންމައަކަށް އަދި ކޮންމެވެސް މީހެއްގެ އަންހެން ދަރިޔަކަށް ވެއެވެ.
ނަމަވެސް މިއަދު ވަރަށް ބޮޑަށް ހިތާމަ ކުރަންޖެހޭ އެއް ކަމަކީ މިދުނިޔޭ ގެ އެކި ކަންކޮޅުތަކުން އަންހެނުން ގެ ގަދަރު ގެއްލުވައިލާ އަންހެނުނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރާތަން މަދުން ނަމަވެސް ފެނިގެން ދިޔުމެވެ. ބައެއްގައުމުތަކުގައި އިންތިހާޔަށް އަންހެނުންނަށް ކުރާ އަނިޔާ ބޮޑެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް އަންހެނުން ނަށް ކުރާ އަނިޔާގެ މައްސަލަ ފެންމަތި ވާކަން އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. ވަރަށް ފަހުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި “ކެންގޯ، ޕާކިސްތާން،އިންޑިޔާ،ސޯމާލިއާ އަކީ އަންހެނުން ރޭޕް ކޮށް މެރުމުގެ އާންމު ގައުމުތައް ކަމަށް ފާހަގަ ވެފައިވެއެވެ. މި ދިރާސާ އިން އިތުރަށް ދައްކާ ގޮތުގައި އަނިޔާގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ އަފްޣާނިސްތާނުގެ އަންހެނުން ކަމަށް ބުނެފައިވެއެވެ.
މިއަދަކީ އަންހެނުންގެ ދުވަސް ކަމަށް ވާއިރު އަންހެނުންނަކީ ކޮންމެ ރޮނގަކުން ވެސް ކާމިޔާބު ބަޔަކަށް ވެވިދާނެކަން މުޅިދުނިޔެ އަށް އަންގާލަދިން ފަސް އަންހެނެއް ގެ ވާހަކަ ލިޔެލާނަމެވެ.
ޕެޓްރިޝިއާ އެރާ ބާތް
ޕެޓްރީޝިއާ ބާތު އަކީ 1981 ވަނަ އަހަރު ލޭޒާފާކޯ ޕްރޯބް އުފެއްދި ބޭފުޅާއެވެ. އޭނާގެ މި އުފެއްދުމަކީ މުސްކުޅިވުމުގެ ސަބަބުންނާއި އެހެނިހެން ސަބަބުތަކާހުރެ ލޮލުގައި އުފެދޭ ކެޓެރެކްޓްސް ތަދަކާއި ނުލާ ލޮލުން ނަގައިދޭ، އަދި އެހެންމެ ލޯ ލުބްރިކޭޓް ކޮށްދޭ އުފެއްދުމެކެވެ. އަދި 2000 ވަނަ އަހަރު އޭނާއަށް އޭގެ އިތުރުން އަދި ކެޓެރެކްޓް ޓްރީޓްމެންޓްގައި އަލްޓަރާސައުންޑް ބޭނުންކުރުމުގެ އުފެއްދުމަށް ޕޭޓެންޓް ލިބިފައި ވެއެވެ.
ހާރލެމްގެ ކަޅު އަންހެނެއްގެ ގޮތުގައި ޕެޓްރީޝިއާއަށް ލޮލުގެ ބޭސްވެރިކަމުގެ ދާއިރާއިން ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ނަމަވެސް، އޭނާ ފާހަގަ ކުރެވެނީ ކަންކަމާއި ކުރިމަތިލާން ކެރޭ ކުޅަދާނަ ބަތަލާއެއްގެ ގޮތުގައެވެ.
ގްރޭސް ހޮޕާ
ގްރޭސް އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކޮމްޕިއުޓަރު، އައި.ބީ. އެމް މާރކް 1 ޕްރޮގްރާމްކުރި ކުޅަދާނަ އަންހެން ކަނބަލެކެވެ. އޭނާގެ މި ހުނަރުގެ ސަބަބުން މެންހަޓަން ޕްރޮޖެކްޓް ގެ ހިސާބު ކުރުމުގެ މައްސަލަ ހައްލުކޮށްދީ، ދުނިޔޭގެ އެންމް ފުރަތަމަ އިނގިރޭސި ބަސް މެޝިން ކޯޑަށް ބަދަލުކޮށްދޭ ކޮމްޕައިލާރ ވެސް އުފެއްދީ ގްރޭސް ހޮޕާ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ އާ އީޖާދުތަކަށް، އާ ވިސްނުންތަކަށް ލޯބިކުރާ ހުނަރުވެރި ކަނބަލެއްގެ ގޮތުގައެވެ.
ރޮސެލިންޑް ފްރޭންކްލިން:
ފްރޭންސިސް ކްރިކް، ޖޭމްސް ވަޓްސަން އަދި މޯރިސް ވިލްކިންސް ފަދަ ބޭފުޅުން ޑީ.އެން.އޭގެ ހޯދުންތައް ހޯދިކަމުގައި ނަން މަޝްހޫރުވެފައި ވީ ނަމަވެސް. ރޮސެލިންޑްގެ އިމޭޖް ޑާޓާގެ މަސައްކަތާއި ނުލާ އެއީ ކާމިޔާބު ހޯދުމަކަށް ނުވާނެއެވެ. ނަމަވެސް ރޮސެލިންޑްގެ މަސައްކަތުގެ އަގު ވަޒަންކުރެވުނީ އޭނާ ދުނިޔެ ދޫކުރި ފަހުންނެވެ. ބުނެވޭގޮތުގައި ރޮސެލިންޑްގެ މަސައްކަތް އޭނާގެ ހުއްދައާއި ނުލާ ވިލްކިންސް ބޭނުން ކޮށް، އޭނާގެ މަސައްކަތުގެ ގޮތުގައި މަޝްހޫރުކުރީއެވެ. ރޮސެލިންޑްގެ މި މަސައްކަތުން ވަނީ ސައެންސްގެ ދުނިޔެއިން މުޅިން އާ ގޮފިތަކަކަށް އިންސާނުންގެ ލޯ ހުޅުވައި ދީފައެވެ.
މޭރީ ކިއުރީ:
މޭރީ އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ނޮބެލް ޕްރައިޒް ހޯދި އަންހެނާގެ ލަގަބު އޮންނަ ފަރާތެވެ. އަދި ދެފަހަރަށް ނޮބެލް ޕްރައިޒް ލިބިފައިވާ ހަމައެކަނި އަންހެން ކަނބަލަކީމޭރީއެވެ. ސައިންސްގެ ދާއިރާއިން ކިއުރީ ވަނީ ވަރަށް އަގުހުރި ހޯދުންތައް ހޯދައި، އެތައް ޚިދުމަތެއް ކޮށްދީފައެވެ. އެގޮތުން ރޭޑިއޯއެކްޓިވިޓީ، މޯބައިލް އެކްސް.ރޭ ފަދަ ދާއިރާތަކުން އޭނާވަނީ ވަރަށް މުހިންމު ހޯދުންތައް ހޯދާފައެވެ.
އަންހެނަކަށް ވުމުގެ ސަބަބުން ކްރާކޯވް ޔުނިވާސިޓީ އިން ޖާގަ ނުލިބުނު މޭރީ ކިއުރީ ވަނީ އަންހެނުންނަކީ އެމީހުންގް ގާބިލިއްޔަތުގެ ގޮތުން ގޮންޖަހާލެވޭނެ ބައެއް ނޫންކަން ސާބިތުކޮށްދީފައެވެ.
ކެރީސް ކްރޮސްބީ:
ކެރީސް ކްރޮސްބީ އަކީ ދުނިޔޭގެ ހުރިހައި އަންހެނުންނަށް ފަސޭހައަކަށް، މޮޑާރން ބްރާ އުފެއްދި ފަރާތެވެ. ކުރީ ޒަމާނުގައި އިނގިރޭސިންގެ ތެރޭގައި ބޭނުން ކުރެވުނު ބާރު، ނޭވާލުމަށް ދަތިކުރުވާ ކޯރސެޓް މަތިން ފޫހިވެ، އޭގެ ބަދަލުގައި އެއަށްވުރެ ލުއި، ހަށިގަނޑަށް ފެތޭ ޑިޒައިނެއް އުފެއްދުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބުވެ، 1914 ވަނަ އަހަރު އޭނާއަށް މޮޑާރން ބްރާގެ ޕޭޓެންޓް ހަވާލު ކުރެވުނެވެ.
ދުނިޔެއަށް އެކި ގޮތްގޮތުން އިންޤިލާބު ގެނެސްފައިވާ ހުރިހާ ކަނބަލުން މިތަނުގައި ނުލިޔެވުނު ނަމަވެސް، މި ފަސް ކަނބަލުންގެ ކާމިޔާބީއާއި އެކީ ހުރިހައި ކަނބަލުން ނަށް ނަމޫނާ އަކަށްވާނެ ކާމިޔާބީ އެކެވެ.