ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބާރު ގުގުރިއާއެކު ބޯކޮށް ވާރޭވެހި އައްޑޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮސްފިއެވެ.
ރޭ ދަންވަރުގެ ބަޔަކުން ފަށައިގެން ކުރަން ފެށި މި ވިއްސާރައިގައި ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެފައިވާއިރު ބައެއް ހިސާބުތަކުން ކަރަންޓު ގޮސްގެން އެކަން އަންގާފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުން ބުނެއެވެ.
“ވަރަށް ބާރަށް ގުގުރާ އަޑު އިވެނީ. ވިދުވަރުގެ އަލިވެސް އެހާގަދަ. ބައެއް އިލެކްޓްރޯނިކް އާލާތްތަކުން ކަރަންޓު ކަނޑަން އުޅެނިކޮށް މުޅިގެ އިން ކަރަންޓު ގޮސްފި. ވަރަށް ބޯކޮށް ވާރޭ ވެހިފަ މިހާރު އޮތީ ތުނިކޮށްފައި” ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިދުވަސްކޮޅަކީ ގުގުރުމާއެކު ވިއްސާރަކުރާ ދުވަސްކޮޅަކަށް ވާތީ ރޭގަނޑު ނިދާއިރު އިލެކްޓްރޯނިކް އާލާތްތައް ކަރަންޓުން ކަނޑާ ކަމަށް ބައެއް މީހުން ބުނެއެވެ.
“ޓީވީ އާއި ބައެއް އިލެކްޓްރޯނިކް ސާމާނު ހުރީ ކަރަންޓުން ވަކިކޮށްފައި. އެކަމަކު އަދި ހުރި ހާލަތެއް ނޭނގޭ. ވަރަށް ބާރަށް ގުގުރާ އަޑަށް ގޭގެ އެންމެން މިތިބި ހޭލައިގެން ތެދުވެ” އެހެން މީހަކު ބުންޏެވެ.
މިދުވަސްކޮޅަކީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވާކަމަށް ބުނެ މީޑިއާތަކުގައި އެވާހަކަ ގަދައަށް ދެކެވޭ ދުވަސްކޮޅެކެވެ.
ފެނަކަ އައްޑޫ ބްރާންޗުން ބުނެފައިވަނީ މި ދުވަސްކޮޅު ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅެނީ ހިތަދޫ ބޭރުމަތި ސަރަހައްދުގައި އަލަށް ބެހެއްޓި ޓްރާންސްފޯމަރަށް މައްސަލަތަކެއް ޖެހުމުން ކަމަށެވެ. އަދި އެފަދަ ކަމެއް ދިމާނުވިކަމުގައި ވިޔަސް ވިއްސާރަވެ ގުގުރުން ފަދަ ކަންތައް ދިމާވުމުން ކަރަންޓު މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ މައްސަލައެއް ދިމާވެގެން ރިޕޯޓު ކޮށްފިނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.