މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުދެވިގެން ކަމަށް ކުރާ ތުހުމަތުތަކަށް ބާރު ލިބޭ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
އަބްދުﷲގެ މަރާ ގުޅިގެން މިފަހަރު ކުރަނީ، އޭނާ އަށް ފަރުވާ ދިން ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރަކީ ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރެއް ކަމުގެ ތުހުމަތެވެ. މިކަން ބަލައިދޭން، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިހާރު ވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅައިފަ އެވެ.
އެކަމަކު ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މި ތުހުމަތު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރަކު މާފުށީ ޖަލުގައި ގައިދީންނަށް ފަރުވާ ނުދެއްވާނެ ކަމަށެވެ.
ޖަލުގައި އަބްދުﷲ އަށް ފަރުވާ ދިނީ “ދަސްކުރާ ޑޮކްޓަރެއް” ކަމަށް މައުލޫމާތު ލިބުނު ކަމަށް މީގެކުރިން އާއިލާ އިން ވެސް ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން، މޭ 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ މިދިޔަ އޮކްޓޯބަރު 10 ގަ އެވެ. އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާގެ މަރުގައި ދައުލަތުގެ އިހުމާލުވެ އެވެ. އެއީ، ޖަލުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަސްކޮށްފައިވާތީ އެވެ.
ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ހޮޑުލައި ބޭރަށް ހިންގަން ފެށުމުން އެކަށީގެންވާ ފަރުވާ ނުދީ ވަނިކޮށް، މާލެ ގެނައީ ހާލު ސީރިއަސްވުމުން ކަމަށް އާއިލާ އިން ބުނެ އެވެ. އައިޖީއެމްއެޗަށް ގެނައިއިރު، އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަބްދުﷲގެ މައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.