ޖުމްހޫރީ ޕާޓީގޭ ލީޑަރު ޤާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ހުރިނަމަ އެކަން އެއީ ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އަންގަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން އަންގާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ކަމަށް ޖޭޕީ އިން ވިދާޅުވެއްޖެއެވެ.
ރޭ މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސް ދައްކަން ވަކި ތަނެއް އޮންނަ ކަމަށާއި، ޢަބްދުއްރަހީމް ބުންޏަސް އެނޫން މީހަކު ބުންޏަސް އެހިސާބުން އެބޭފުޅުން ޤަބޫލު ކުރާ ގޮތަކީ އެއަކީ ޢަބްދުއްރަޙީމް އަކާއި،މުޙައްމަދަކާއި، ތަކުރަކާއި ބެހޭ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދުސަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއް ވާނަމަ މީރާއިން އެވާހަކަ ވިދާޅުވާނެ ކަމަށެވެ.
“ކުއްލިއަކަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށް ޢަބްދުއްރަޙީމް ބަދަލުވެ އެ ވިދާޅުވަނީ ވިލާ ކުންފުނިން އެބައޮތޭ ލާރީ ދައްކަން” ސަމީރު ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް އަކީ ރައީސް ޔާމީނު ފޮނުއްވައިގެން އެކަހަލަ ވާހަކަ ދައްކަން ހުންނަ ބޭފުޅެއް ކަމަށާއި، ސަމީރު ހުންނެވީ ޖޭޕީގެ ފަރާތުން ވާހަކަ ދައްކަންޢަބްދުއްރަހީމް އާއިއެކު ކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންވީމާ ސަމީރު ޔަޤީން ކުރައްވާ ގޮތުގައި ޗެޕްޓަރަކަށް ފަހު ޗެޕްޓަރެއް ޢަބްދުއްރަޙީމަށް ކެރިވަޑައިގަންނަވާ ނަމަ އެބޭފުޅުން ވެސް ނެރެދެއްވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާ ކޮށްފައެވެ. ވިލާ އިން ވަނީ އޭގެތެރެއިން ބައެއް ފައިސާ ދައްކާފައެވެ.