English Edition
Dhivehi Edition

އެމްޑީޕީ ހަރުގެ އަށް ފުލުހުން ވަދެ، އެތަނުގައި ހުރި މުދަލަށް ގެއްލުން ދިން ކަމަށް ބުނާ މައްސަލައެއް އެ ޕާޓީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.

އެޕާޓީ އިން މައްސަލަ ހުށަހެޅީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ރޫޅާލަން އުޅުނު ބައެއް ފުލުހުން އެޕާޓީގެ ހަރުގެއަށް ވަދެ އެތަނުގައި ހުރި މުދަލަށް ގެއްލުން ދިން ކަމަށް ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ އެތަނުގައި ހުރި ދޮރަކަށް ގެއްލުންދީ ބައެއް ކޭބަލްތަކަށްވެސް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކޮންމެ ރެއަކުހެން، ހަރުގެ ސަރަހައްދުގައި މުޒާހަރާ ކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުގައި ފުލުހުން އަނިޔާކުރާ ކަމަށާއި އެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށައެޅި ނަމަވެސް އެ މައްސަލަތައް ނުބެލޭ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

ކުނޫޒްގައި އިއްޔެ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މުޒާހަރާ ތަކުގައި ބައިވެރިންނާއި ދެކޮޅަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދާ ކަމުގައެވެ. އަދި ފުލުހުން ސިޔާސީ ޕާޓީތަކުގެ ޖަގަހަ ތަކާއި ތަކެއްޗަށްވެސް ގެއްލުން ދެމުން ގެންދާ ކަމުގައެވެ. އެމައްސަލަތައް ހުށައެޅި ނަމަވެސް އެ މައްސަލަތައް ބެލެމުން ނުދާކަމަށްވެސް އަމީތު ވިދާޅުވިއެވެ. މީގެ އިތުރުންއަމީތު ވިދާޅުވީ މައްސަލަތައް ފުލުހުން ބުނެލި ނަމަވެސް ނޭޝަނަލް އިންކުއަރީ ކޮމިޝަނާއި އެހެން އިދާރާތަކަށް މައްސަލަތައް ހުށައަޅާނެކަމަށެވެ.

މަދު ފުލުހުންގެ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން އިޚްލާސްތެރިކަމާ އެކީ ޚިދުމަތް ކުރަމުންދާ ފުލުހުންގެ ނަން ކިލަނބުވެގެންދާތީ ހިތާމަ ކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.