ޖެންޑާ ގެ ތަފާތުކުރުމަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމު ތަކުގައި ވެސް ވަރަށް އާންމު ކަމަކަށް ވެފައިވާ ކަމެކެވެ. ވަޒީފާގެ މާހައުލުގައްޔާއި މުޖުތަމައުގެ އެކިކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރަމުން ދެއެވެ.
ދުނިޔޭގެ އެކިކަން ކޮޅުތަކުގައި މި ތަފާތުކުރުން އެކި މިންވަރަށް ވާކަން ފާހަގަ ކުރެވެ. ދަތުރުކުމާއި، ދުއްވުން،އަދި މަތީ ތައުލީމު ހާސިލްކުރުމަށް އަންހެނުންނަށް މަނާކުރާ ގައުމުތައް މަދެއް ނޫނެވެ. މިގޮތުން ބަލާއިރު ސައުދީ އަރަބިއްޔާގައި މީގެ ކުރިން އަންހެނުން ކާރު ދުއްވުން މަނާކޮށްފައިވާއިރު، ކާރު ދުއްވުމުގެ ލައިސެންސް ދޫކުރަނީ ހަމައެކަނި ފިރިހެނުންނަށެވެ. ނަމަވެސް 25 އަހަރުގެ ލުޖައިން ހަޘްލޫލް ކިޔާ އަންހެނަކު ވަނީ 2014 ވަނަ އަހަރު ފާޅުގައި އެގަވައިދަށް ދެކޮޅު ހަދައި، ކާރު ދުއްވާފައެވެ. އެކަމާ ގުޅިގެން އޭނާ ހައްޔަރު ކޮށް، 73 ދުވަސް ޖަލުގައި ހޭދަކުރަން ޖެހުނެވެ.
ވަޒީފާގެ މާހައުލުގާވެސް އިސްމަގާމުތަކާއި ރަނގަޅު އިނާޔަތް ތައް ފިރިހެނުންނަށް ލިބޭކަންފާހަގަ ކުރެވެ އެވެ. އަންހެނުން ވަޒީފާގެ މާހައުލުގައި އުޅޭ އިރު ގޮންޖެހުން ތަކާއި ހިތާމަތައް ކުރިމަތވެއެވެ. މަތީ ތައުލީމް އުނގެނެނީ ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން ކަމުގައި ވީ ނަމަވެސް ތަފާތުކުރުމުގެ ސަބަބުން ވަޒީފާގެ މާހައުލަށް ނުކުތުމުން ބައެއް ކަހަލަ ދާއިރާތަކުގައި ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން މަސައްކަތްކުރާ މިންވަރު މަދުވެއެވެ.
އަންހެނުންނަށް ކުރާއަނިޔާގެ މައިގަނޑު ސަބަބަކީ ވެސް އަންހެންނުނާމެދު ގެންގުޅޭ ތަފާތުކުރުމުގެ ވިސްނުންތަކާއި، ޤާނޫނީގޮތުން ކުރާތަފާތުތަކާއި، ޤާނޫނާއި ޤަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުމުގައިގެންގުޅޭ އުސޫލުތަކާ އަދި އަންހެނުންނާއި ފިރިހެނުންނާމެދު ކުރާ ތަފާތު ތަކާއި ފަރަޤުތަކެވެ. އަނިޔާގެ ހާލަތްތަކުން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކޮށްދިނުމަށްޓަކައި އިތުރު އަމާން ހިޔާތައް ޤާއިމްކޮށް ހަރުދަނާކުރުމަށް ދައުލަތާއި މަދަނީ މުޖުތަމަޢުން ކުރާމަސައްކަތް އިތުރުކުރަން ޖެހިފައިވެއެވެ.
ރާއްޖޭގައި ވެސް އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި، ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާ، ޖިންސީ އަނިޔާ، ބަހުގެ ހަމަލާދިނުމާއި، ބިރުދެއްކުމާއި، މާލީގޮތުން ނުވަތަ އިޤްތިސާނީގޮތުން ދަތިކުރުމާއި އަދި މުދަލަށް ގެއްލުންދިނުން ހިމެނެއެވެ. މީގެ އިތުރުން ބަލާއިރު ރައްކާތެރިކަމުގެ އަމުރު ނެރުން ލަސްވުމާ، ގެވެށިއަނިޔާގެ މައްސަލަތަކާއި، ބަލައިފާސް ކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަކީ އިޚްތިޔާރީކަމެއްގެ ގޮތުގައި ނުދެކި، ޤައުމުގެ ކުރިއެރުމަށް އަންހެނުންގެ ޙިއްސާއަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަކީ މުހިންމު ކަމަކަށް ވާންޖެހެއެވެ. ޖިންސުގެ ހަމަ ހަމަ ކަން ގެނެވޭނީ މުޖުތަމައުގައި އަންހެނުންނަށް ވެސް ފުރުސަތުދީގެންނެވެ.
އަންހެނުންނާއިމެދު ކުރާ ތަފާތު ތަކާއި އަނިޔާތައް ހުއްޓާލަން މުޖުތަމައުގައި އިތުރު ހަރަކާތްތަކާއި ހޭލުންތެރިކަމުގެ ޕޮރޮގުރާމް ތައް އިތުރުކުރަން ޖެހެއެވެ. އެގޮތުން ރިޕޯޓިން މެކޭނިޒަމްތައް ހަރުދަނާކޮށް ހިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް އަދި ސައިކޯ ސޯޝަލް ސަޕޯޓް ސިސްޓަމް އެއްގާއިމް ކުރެވިފައި ހުންނަންޖެހެއެވެ.