English Edition
Dhivehi Edition

މިއަދު ހަވީރު މީދޫ ސްޓޭޑިއަމްގައި ކުޅުނު “ކައިށާ ފެޑުން3” މުބާރާތުގައި ބައްދަލުކުރީ އެފްސީ ޑްރިބުލް އާއި އަލްފާ ކިއުއެވެ. މި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޑްރިބުލް އެފްސީ އެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި އެފްސީ ޑްރިބުލް އިން އަލްފާ ކިއުގެ ގޯލަށް އަމާޒުކޮށްވަނީ ގިނަ ހަމަލާތަކެއް ފޮނުވާއެވެ. މި ގޮތުން މެޗުގެ ފުރަތަމަ ހާފް ނިމެން 10 ވަރަކަށް މިނިޓަށް ވެފައިވަނިކޮށް ޑްރިބުލް އެފްސީގެ ރަމްޒީ ހުސެއިން(ރައްމު) ޖެހި ގޯލާއެކު އެ ޓީމުންވަނީ މެޗުގެ ލީޑު ނަގާފައެވެ. ދެވަނަ ހާފްގެ ކުޅުން ފެށިގެން ދެވަނަ މިނިޓްގައި އަލްފާކިއުގެ މާހިރު ޖެހި ގޯލާއެކު އެ ޓީމުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ވަނީ މަސައްކަތްކޮށްފައެވެ. މި މެޗުގައި އެފްސީ ޑްރިބުލްގެ ކީޕަރު އަހްމަދު އައްސަދަށް ހެދުނު ގޯހެއްގެ ސަބަބުން އަލްފާކިއު އަށްވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ވިޝާހް ފޮނުވާލި ޕެނެލްޓީ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފްގައި އަލްފާކިއު އިން ގިނަ އިރު ބޯޅަ ގެންގުޅެފައިވާއިރު އެ ޓީމުގެ ކުޅުންތެރިންށް ހެދުނު ގޯހަކުން އެފްސީ ޑްރިބުލްއަށްވެސް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެފްސީ ޑްރިބުލްގެ މައުޝޫގު ފޮނުވާލި ޕެނެލްޓީ ކާމިޔާބުވެ އެ ޓީމުންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.މެޗުގެ 3 ވަނަ ލަނޑަކީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ރަމްޒީ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް އެފްސީ ޑްރިބުލްގެ ރަމްޒީ ހޮވިފައިވާއިރު މި ދެ ޓީމަކީ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމެވެ. އަލްފާކިއު ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. މިއަދު ކުޅުނު މެޗުން އަލްފާ ކިއު ބަލިވެފައިވާއިރު އެ ޓީމުގެ ވިޝަލް އާއި އެފްސީ ހިތްވަރުގެ ސަބާހުއަކީ އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހާފައިވާ ދެ ކުޅުންތެރިންނެވެ.