English Edition
Dhivehi Edition

ފާއިތުވި އަހަރުގެ މަތީ ޘާނަވީ އިމްތިހާނުގައި އެކި މާއްދާތަކުން ދުނިޔެއިން 1 ވަނަ ރާއްޖޭގެ 6 ދަރިވަރަކު ހާސިލުކޮށްފިއެވެ. މުޅި ދުނިޔެއިން އެއްވަނަ ހޯދީ، އެކައުންޓުން 100 މާކްސް ހޯދި ފަސް ދަރިވަރުންނާއި ބިޒްނަސް ސްޓަޑީޒް އިން 100 މާކްސް ހޯދި ދަރިވަރެވެ.

މިދަރިވަރުންނަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވުނު ޓޮޕް އެޗީވާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެވޯޑު ޙަވާލުކުރެވުނެވެ.

ޓޮޕްއެޗީވާސް އެވޯޑް ދިނުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޘާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި އެވޯޑްތައް އަރުވުނެވެ. މިދިޔަ އަހަރުގެ ޘާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި 186 ދަރިވަރުން ހިމެނުނެވެ.

މިރޭގެ ރަސްމިއްޔާތުގައި 5 މާއްދާއިން އޭ ފާސް ހޯދައިގެން ގަދަ ދިހައިގެ އެއްވަނައިގައި ހިމެނުނު 41 ދަރިވަރަކަށް އޭޝިޔާގެ 11 ގައުމަކުން ކިޔެވޭ ހައި އެޗީވާސް ސްކޮލަޝިޕް ލިބުނެވެ. އަދި 5 މާއްދާއިން އޭ ސްޓާ ހޯދާފައިވާ 3 ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ކިޔެވޭ ރައީސްގެ ސްކޮލަޝިޕް ލިބުނެވެ. އެއީ ސީއެޗްއެސްއީގެ ތިން ދަރިވަރުން ކަމަށްވާ މަރިޔަމް މަލްސާ ލިޝާމް، ފާތިމަތު ސައީދު އަދި އައިޝަތު އަޒްމާ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަތީ ސާނަވީ ތައުލީމްގައި ދަރިވަރުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކުގައި އަދި ސްކޫލުތަކުގެ ވެރިންނާއި ޓީޗަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ..