English Edition
Dhivehi Edition

އޭއޯ އިން އިންތިޒާމުކޮށްގެން އައްޑޫގައި ކުރިއަށް ގެންދިޔަ އޭއޯގެ 3 ވަނަ މަދަޙަ މުބާރާތަށް އައްޑޫވިމެންސް އެސޯސިއޭޝަނުން ދެއްވެވި އޮސްޓްރޭލިއާގެ ސްޓަޑީ ޓުއާ ސ.ހިތަދޫ ގްރީންގެ އީޝާ ވަޙީދު ހޯދައިފިއެވެ. މި އިނާމު އީޝާއަށް ލިބުނީ މަދަޙަ މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ އުމުރު ފުރާގެ އެއްވަނަ އާއެކު މުޅި މުބާރާތުން 2 ވަނަ ހޯދައިގެންނެވެ. މިއީ “އަވަ” އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް އޭއޯގެ މަދަޙަ މުބާރާތަށް ހުށަހަޅުއްވަމުން ގެންދަވާާ ޚާއްޞަ އިނާމެކެވެ. މިފަހަރުގެ ސްޓަޑީ ޓުއާގައި 1 ހަފްތާގެ މުއްދަތަށް އޮސްޓްރޭލިއާގެ ޕާރތްގައި އީޝާއަށް ހުރެވޭނެއެވެ. މިދިޔަ އަހަރު އޭއޯގެ މަދަޙަ މުބާރާތުން 1 ވަނަ ހޯދި ސ.ހުޅުދޫ މައްސާގުގޭ އައިހަމް ޝަރީފަށް “އަވަ” ގެ ފަރާތުން ވަނީ ދުބާއީ ސްޓަޑީ ޓުއާއެއް ދެއްވަވާފައެވެ. މިއީ ޙަޔާތުގައި ވެސް މިހާތަނަށް ކުރެވުނު އެންމެ ތަފާތު އަދި ހިތްގައިމު ތަޖުރިބާ ކަމަށް ސްޓަޑީ ޓުއާރ އަށް ފަހު އައިހަމް ވަނީ ބުނެފައެވެ. ދުބާއީގައި ޑރ ޝަކީލާގެ އަމިއްލަ ގެކޮޅުގައި މެޙްމާނުންގެ ގޮތުގައި 1 ހަފްތާ ހޭދަކުރުމަށް ފަހު އެނބުރި ރަށަށް އައިސް އައިހަމް ބުނީ މިއީ އެހެން ފަރާތްތަކުން ހުށަހަޅާ މިފަދަ ސްޓަޑީ ޓުއާރ ތަކާއި ވަރަށް ތަފާތު ޓުއާރ އެއް ކަމަށެވެ. ” ސްޓަޑީ ޓުިއާއެއް ހެން ހީވެސް ނުވޭ. ޝަކީލާއްތަގެ ޚާއްޞަ މެހްމާނުންގެ ގޮތުގައި އަމިއްލަ އާއިލާއާއެކު ހަފްތާއެއް ހޭދަކުރެވުނުހެން ހީވަނީ. ޝަކީލާއްތަގެ ބިޒީ ޝެޑިއުލް އެއްކޮށް ހުސްކޮށް ދެއްވަވާފައި އޮތީ އައިހަމް މެންނަށް. ދުބާއީގެ ހުރިހާ ތަނެއް ދައްކާލަން ގެންދިޔަ. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް” އައިހަމް ބުންޏެވެ. އައްޑޫވިމެންސް އެސޯސިއޭޝަނުން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަދި ގިނަ އަންހެން ކަނބަލުންތަކަކަށް މިފަދަ ފުރުސަތުތައް ހޯއްދަވައި ދެއްވައެވެ. އެގޮތުން އިންޑިޔާގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ގިނަ ދަރިވަރުން ތަކަކަށް ސްކޮލަރޝިޕް ފުރުސަތު ހޯއްދަވައި ދެއްވަވާފައިވާއިރު ޗައިނާ މޯލްޑިވްސް އެސޯސިއޭޝަނާ ގުޅިގެން ވެސް މިފަދަ ޕްރޮގްރާމުތައް ދަނީ ހިންގަވަމުންނެވެ. އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ރަސްމީ މީޑިއާއަކަށް މިދިޔަ އަހަރު އޭއޯ ހަމަޖެއްސުމާއެކު އޭއޯގެ ސްޓާފުންނަށް މިފަދަ ގިނަ ފުރުސަތުތައް ފަހިކޮށް ދެއްވުމަށް އަވަ އިން ގިނަ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. އެގޮތުން އައިޓެކް ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ނޫހުގެ ސްޓާފަކު 2 ހަފްތާގެ ޓްރެއިނިންގ އެއް އިންޑިއާގެ ހައިދަރުއާބާދުގައި ފުރިހަމަކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓްމަހު އިންޑިއާގެ ދިއްލީގައި ފަށާ ޑިޕްލޮމާއިން ޖާނަލިޒަމް ކޯހުގައި ބައިވެރިވުމަށް އޭއޯގެ 2 ސްޓާފަކަށް ވަނީ ސްކޮލަރޝިޕް ހޯއްދަވައި ދެއްވަވާފައެވެ. މީގެ އިތުރުން ޗައިނާ މޯލްޑިވްސް އެސޯސިއޭޝަނާ ގުޅިގެން އޭއޯއަށް ހޯއްދަވައި ދެއްވި ފުރުސަތުގައި އޭއޯގެ ސްޓާފަކު މިއަހަރުގެ ސެޕްޓެމްބަރ މަހު ޑިޕްލޮމާއިން ޖާނަލިޒަމް އަށް ޗައިނާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫވިމެންސް އެސޯސިއޭޝަނަކީ ޑރ މަރިޔަމް ޝަކީލާގެ ރައީސް ކަމުގެ ދަށުން އަދި ޖުވެއިރިއްޔާ ވަޖުދީގެ ނައިބްރައީސާ ކަމުގެ ދަށުން ހީވާގި ކަމާއެކު ރާއްޖޭގެ ކަނބަލުންނަށް ގިނަ ފުރުސަތުތައް ހޯއްދަވައި ދެއްވަވާ ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.