English Edition
Dhivehi Edition

މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ދިވެހި ދައުލަތް ނުރައްކާތެރި ޙާލަތަކަށް ހުށަހަޅާ މީހުންނަކީ ޤައުމަށް ޣައްދާރުވާ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ‘ސަލާމަތީ ބާރުތަކާއެކު ރައްޔިތުން’ ނަމުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޤާނޫނުތަކުން ނުފޫޒާއި ބާރު ލިބޭ މީހުން ނުހައްޤުގައި ބާރުގެ ބޭނުން ހިފާކަން މިއަދު ހާމަވެފައިވާކަމަށެވެ. މިއީ ފެބްރުއަރީ އެކެގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުން ލިބިގެން ދިޔަ އެންމެ ބޮޑު ފިލާވަޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ނެތްކަމަށްބުނެ ބޭރުގެ އަސްކަރިއްޔާތައް ރާއްޖެ ގެންނަން ހިތްވަރު ދިނުމާއި، ޤައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލަން ބަޔަކު ކުރާ މަސައްކަތްތަކައި، މަގުތަކަށް ނުކުމެ ހަމަޖެހުން ނަގާލަން ބަޔަކަށް ބަޔަކަށް އެ ފުރުސަތު ލިބުނީވެސް ނުފޫޒު ގަދަ މަޤާމުތަކުގައި ތިއްބެވި ބައެއް މީހުން އެފަދަ ފުރުސަތު ދޭތީކަމަށެވެެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޤައުމު ނުރައްކާތެރި ހާލަތަކަށް ހުށަހެޅޭ ވަގުތުގައި ޤައުމަށް އެންމެ އިޚްލާސްތެރިވާނީ ކާކުތޯ ރައްޔިތުންނާ ސުވާލުކުރައްވައި، އެއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޤައުމަށް ގެއްލުމެއްވާން ރައީސުލްޖުމްހޫރިއްޔާ ބޭނުންނުވާނެކަމަށާއި، ޤައުމަށް އިޚްލާސްތެރިވުމަކީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަމާނާތެއް، މަސްއޫލިއްޔަތެއް އަދި ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ފަދަ އާބާދީގެ ގޮތުން ކުޑަ، އަދި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ޤައުމެއްގެ ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސް ބައެއް ފަރާތްތަކުން ދިވެހިޤައުމުގެ ވާހަކަތައް ނާޖާއިޒުގޮތުގައި ފަތުރަމުންދަނީ ކީއްވެތޯ ސުވާލު އުފެދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ ހުރިހާކަމެއްވެސް ކުރަމުން މިދަނީ ދިވެހިންގެ ތެރެއިން ސިޔާސީ ބަޔަކު، ވޯޓާހަމައަށް ގޮސްގެން ކަންކަން ނިންމަން ޖެހިލުންވެ، މާކުރިން އެފަރާތްތަކުން ބޭނުންވާ ސިޔާސީކަންކަން ޙާސިލުކުރުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އެންމެ ފަހުގެ ނިޔާ ކަނޑައެޅެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންކަން ފާހަގަ ކުރައްވަމުން، މި ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ބާރުތަކެއް ދީފައިވާކަން ބަޔާންކުރެއްވިއެވެ. މިގޮތުން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ ރައީސުލްޖުމްހޫރިއްޔާއަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.