ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ މައުޞޫމު ބައެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ( އަދުރޭ) ވިދާޅުވެއްޖެއެވެ
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން އަދުރޭ ވިދާޅުވީ، ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން އިންސާފުވެރިކަމާއެކު އެބޭފުޅުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ ތިން ފަނޑިޔާރުންނަށް ކަންކަން އޮޅުވާލައިގެން އިސްވެ ތިއްބެވި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަފާތު ބައްދަލުވުންތައް ބާއްވައިގެން ކުރިއަށް ގެންދެވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މައްސަލަ ފެށިގެން މިއަދާ ހަމައަށް ވެސް މިގެން ދިޔައީ އެ ބޭފުޅުންނަށް ތަފާތު ހުވަފެނެއް ދައްކައިގެން ކަމަށާއި އެބޭފުޅުން ލައްވާ އެކެއް ފެބްރުއަރީގެ އަމުރުގައި ސޮއި ކުރެއްވީ އޮޅުވާލައިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިއުސް ކޮންފަރެންސްގައި އަދުރޭވަނީ ވިދާޅުވެފައެވެ.
މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
އަދުރޭ ވިދާޅުވީ، މިކަންތައްތައް ފެށުނު ދުވަހުން ފެށިގެން ޕީޕީއެމްގެ ފަރާތުން ދައްކަމުން އައި ވާހަކަތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި އަދި އެކަން ފުލުހުންގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން ލިބެމުންދާ މައުލޫމާތުތަކުގެ އަލީގައި އެނގިގެންދާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދު ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި އެދެބޭފުޅުންވަނީ މަގާމުން ސަސްޕެންޑްވެސް ކޮށްފައެވެ.