މަޝްހޫރު ޑިޒައިނަރ އަދި ފިލްމީ ތަރި ޖާދުﷲ އިސްމާޢީލް އައްޑޫ ސިޓީގައި މި އަހަރު ޖެނުއަރީ 17 ވަނަ ދުވަހުން ފެށިގެން 27 ފެބްރުއަރީ 2018 އަށް ކުރިޔަށް ގެންދެވި މިން ޖަހައިގެން ކެނޑުމާއި ޑިޒައިން ކުރަން ދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހިތަދޫގައި ހުންނަ ސީޝެލްސް ރެސްޓޯރެންޓްގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު އަދާލާ ރަޝީދުއެވެ.
މި ކޯހަކީ އައްޑޫ ސިޓީގައި މިކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް މިފުރުޞަތު ހޯއްދަވައި ދެއްވުމަށްޓަކައި ކޯހުގެ ކޯޑިނޭޓަރަކަށް ހުންނެވި މަރިޔަމް ގުލްޝަން އާއި ޖާދުﷲ ގެ އޮތް ގާތް އެކުވެރި ކަމެއްގެ ތެރެއިން ވާހަކަ ދެކެވިގެން ކުރިޔަށް ގެންދެވުމަށް ނިންމުނު ކޯހެއް ކަމަށް ކޯސް އިންތިޒާމު ކުރި ފަރާތް ކަމަށްވާ ގުލްޝަން ބުންޏެވެ. އެގޮތުން ކޯހެއް ބޭއްވުމަށް ޖާދުﷲ ހުށަހެޅުއްވި ޚިޔާލު ޤަބޫލު ކުރައްވާ މިކަމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އިޢުލާން ކޮށްގެން ބައިވެރިވާން ޝައުޤުވެރިވި ފަރާތްތަކާއި އެކު ކާމިޔާބު ކަމާއި އެކު ކޯސް ނިމިފައިވާ ކަމަށް އޭނާ ބުނެދިނެވެ.

ކޯސް ފެށުނު އިރު ތިރީހަކަށް ބައިވެރިން ތިބި ނަމަވެސް ކޯސް ނިމިގެން ދިޔައީ 41 ބައިވެރިންނާއި އެކު ކަމަށް ގުލްޝަން އުފަލާއިއެކު ފާހަގަ ކުރިއެވެ. އަދި ކައިރި މުސްތަޤްބަލެއްގައި މީގެ އެޑްވާންސް ކޯހެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ގުލްޝަން ވަނީ ބުނެފައެވެ..
މި ކޯހުގައި ކިޔަވައިދެއްވި ޖާދުﷲ ވިދާޅުވީ މިކޯސް ފެށުނު އިރު ފަހަން ވަރަށް މޮޅަށް އެނގޭ ފަރާތްތަކާއި އެއްވެސް ވަރަކަށް ފަހަން ނޭނގޭ ކުދިން ތިބި ކަމުގައި ވިޔަސް ނިމިގެން ދިޔައިރު އަމިއްލައަށް މިން ޖަހައިގެން ކަނޑައިގެން ފަހަން ނޭނގޭ އެއްވެސް ކުއްޖަކު ނުހުންނާނެ ކަމަށެވެ..
” މިހާ ތަނަށް 13 ރަށެއްގައި އަޅުގަނޑު 3037 ކުދިންނަށް ކިޔަވައި މިދިނީ، ކިޔަވައިދިން އިރު އަޅުގަނޑަކަށް ދިމާނުވޭ ހަގީގަތުގަ ބުނާނަމަ މި ރަށަށް ވުރެ ފަސޭހަ ރަށެއް. ފަސޭހަ މިބުނީ ފަސޭހައިން ނަގައިގަންނަ ރަށެއް” ޖާދުﷲ ވިދާޅުވިއެވެ.
މިކޯހުން ދަސްވި އެއްޗެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އެނގުނު އެއްޗެއް އަނެކާއަށް ދަސްކޮށް ދިނުމުގައި ދެމި ތިބުމަށް ޖާދުﷲ ބައިވެރިންނަށް ނަސޭޙަތްތެރިވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވި 41 ފަރާތަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވީ ޝަރަފުވެރި މެޙްމާން އާމިނަތު އަދާލާ ރަޝިދުއެވެ. އަދި ފާހަގަ ކޮށްލެވުނު 11 ފަރާތަކަށް ޖާދުﷲ ސެޓްފިކެޓް ދެއްވިއެވެ. މީގެ އިތުރުން ބައިވެރިންގެ ފަރާތުން ޖާދުﷲ އަށް ޚާއްޞަ އެވޯޑެއް އެރުވުނެވެ. މި އެވޯޑް ޙަވާލުކޮށް ދެއްވީ ޝަރަފުވެރި މެޙުމާން އާމިނަތު އަދާލާ ރަޝީދެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެޙްމާން ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޯސްތައް ހިންގެވުމުގެ މުހިއްމު ކަމާއި، އަދި ބައިވެރިވި ފަރާތްތަކުން އެނގުނު އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ މުހިއްމު ކަމާއިމެދު ވާހަކަ ދެއްކެވިއެވެ. އެގޮތުން ލިބުނު ސެޓްފިކެޓަކީ އަލަމާރި ތެރޭގައި ބާއްވާ ކަރުދާސްކޮޅަކަށް ނެހެދުމަށާއި، މިދާއިރާގައި ބައިވެރިންގެ ޚިދުމަތް ކުރިޔަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް އެބޭފުޅާ ވަރަށް ތަރުޙީބު ދެއްވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިކޯހުގެ ކޯޑިނޭޓަރު މަރިޔަމް ގުލްޝަން އިސްނަންގަވައިގެން ކުރެއްވި މަސައްކަތަށް ޖާދުއްﷲ ވަނީ ތަޢުރީފް ކުރައްވަވާފައެވެ..
ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބައިވެރިންގެ ފަރާތުން ސަމާނާ ދެއްކެވި ވާހަކައިގާ ބައިވެރިންނަށް ލިބުނު ފުރުޞަތުގައި ޖާދުﷲ ވަރަށް ގިނަ އެއްޗެހި ދަސްކޮށްދެއްވާފައިވާ ކަމަށާއި، މިފަދަ އިތުރު ފުރުޞަތަކަށް އެކުދިން އިންތިޒާރު ކުރާ ވާހަކަ ވަނީ ބުނެފައެވެ..