English Edition
Dhivehi Edition

ރޭގަނޑު 10:30 ފަހުން ސިޔާސީ އެއްވެސް ހަރަކާތެއް ޕާޓީ ތަކުން ހިނގުން، ފުލުހުން މިއަދު މަނާ ކޮށްފައިވި ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ އެއްވުންތައް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
މ.ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ކޮންމެ ރައްޔިތަކަށްވެސް އެއްވެ އުޅުމުގެ މިނިވަންކަން ލިބިފައިވާ ކަމަށެވެ.
“އެހެންވެ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން މި ގޮވާލަނީ މިއޮތް ބޮޑު ބަދަލު އަންނައިރު އެކަމުގެ ހިއްސާދާރުންނަށް ވާން ތިބީ ދިވެހި ރައްޔިތުންކަން، މި ބޮޑު ބަދަލަށް ދިވެހި ރައްޔިތުން ކޮންޓްރިބިއުޓް ކޮށް ދެއްވާށޭ” އަމީތު ވިދާޅުވެފައިވެއެވެ.
އަމީތު ވިދާޅުވެފައިވަނީ، ރޭގަނޑުގެ 10:30 ގެ ފަހުން ސިޔާސީ ހަރަކާތްތައް ނުހިންގޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ އެންގޭނެ އެއްގުމެއް ނޫން ކަމަށެވެ. އެ ގަޑީގެ ފަހުން ވެސް މަގުތަކަށް ނުކުމެ ހިޔާލު ފާޅުކުރާނެ ކަމަށެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި،ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ކަމެއް ގައުމު ހަމަ މަގަށް އެޅުވުމަށްޓަކާއި ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހޭ ކަމަށެވެ.
“ފުލުހުންވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކުން ނެރުނު އަމުރެއް ތަންފީޒުކޮށްފައި. ފަސް ދުވަސް ވަންދެން ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ފުލުހުން އުޅުނު. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނަމޭ އެފަރާތްތަކުން ބުނި. ކޯޓަކުން ހުކުމެއް ކުރުމުން ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުން އެއަށް ހުއްޖަތެއް ނުދެއްކޭނެ” އަލީ ހުސައިން ވިދާޅުވެފައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން، ރޭގަނޑު 10:30ގެ ފަހުން އެއްވުންތައް ބާއްވާނެ ކަމަށް ބުނި ނަމަވެސް، ފުލުހުންގެފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ އެއްވެ އުޅުން ހުއްޓުވުމަށްޓަކައި މިއަދު ނިންމާފައިވާ ނިންމުން ހަމަހަމަކަމާއެކު ސިޔާސީ އެއްވެސް ފަރާތެއް މީގެ ތެރެއިން އިސްތިސްނާ ނުވާނޭހެން ތަންފީޒު ކުރާނެ ކަމަށެވެ.