English Edition
Dhivehi Edition

މިރެއިން ފެށިގެން ރޭގަނޑު 10:30 ގެ ފަހުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުމަކީ މަނާކަމެއް ކަމުގައި ފުލުހުން ބުނެފިއެވެ.
.
ފުލުހުންގެ ފަރާތުން،މިއަދު ހަވީރު، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައިވަނީ، މާލެ ތެރޭގައި ހިންގަމުންދާ އެއްވުންތަކާއި މުޒާހަރާތަކާއި ގުޅިގެން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.
އަދި ޣައިރު ގާނޫނީ އެއްވުންތަކުގެ ސަބަބުން ގައުމުގެ ދާހިލީ އަމަން އަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީވެ، މިއަދުން ފެށިގެން ރޭގަނޑު 10:30 ގެ ފަހުން އެފަދަ އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އެ މުއައްސަސާއިން ނިންމަވާފައިވާ ކަމަށް ޝިފާން ވިދާޅުވެފައިވެއެވެ.
“އަޅުގަނޑުމެން ފުލުހުން މާލެ ތެރެ އަމާން ކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރުގައި، އެއްވުންތަކުގެ ސަބަބުން ޤައުމުގެ ދާޚިލީ އަމަން ބެލެހެއްޓުމުގައި ފުލުހުންނަށް، ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ފާހަގަކުރެވޭތީ، މިއަދުން ފެށިގެން ރޭގަނޑު 10:30 ގެ ފަހުން މިފަދަ އެއްވެސް ހަރަކާތެއް ނުހިންގުމަށް ނުވަތަ ހިންގަން ފުރުޞަތު ނުދިނުމަށް، ފުލުހުން ނިންމާފައިވާ ކަން އެކަން ހުރިހާ ފަރާތްތަކަށް އިއުލާންކޮށް އަޅުގަނޑު އަންގަން.” ޝިފާން ވިދާޅުވެފައިވެއެވެ.
ޝިފާން އިތުރަށް ވިދާޅުވެފައިވަނީ، ފުލުހުންނަކީ އަމަން ބެލެހެއްޓުމުގެ ގާނޫނީ އެންމެ މަތީ ބާރު ލިބިވަޑައިގެންފައިވާ ފަރާތްކަމަށާއި ފުލުހުންގެ ހައިސިއްޔަތުން އެފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
ޝިފާން މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދުގެ ފަހުން ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ނުވަތަ ޖަލްސާއެއް ވެސް ރޭގަނޑު 10:30 ފަހުން ކުރިއަށް ނުދާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނިކޮށެވެ.
އަދުރޭ މިހެން ވިދާޅު ވެފައި ވަނީ ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.