English Edition
Dhivehi Edition

7 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ދެވަނަ ބޮލުގެ ނަމުން ނަންދެވިފައިވާ މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ސިކުނޑީގެ ޓިއުމަރު، އިންޑިޔާގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއިއެކު ނަގައިފިއެވެ.

އިންޑިޔާގެ އުއްތަރްޕްރަދޭޝްގެ ފިހާރައެއްގައި ވަޒީފާ އަދާކުރަމުން ގެންދާ 31 އަހަރުގެ ސަންތްލާލް ޕާލްގެ އޮޕަރޭޝަން ކޮށްފައި ވަނީ 14 ފެބްރުއަރީ 2018 ވަނަ ދުވަހު މުމްބާއީގެ ނައިރު ހޮސްޕިޓަލުގައެވެ. 3.9 ޕައުންޑުގެ މިޓިއުމަރު ޕާލްގެ ބޮލަށްވުރެ ބޮޑެވެ. ޓިއުމަރުން ބޮލަށް ކުރަމުންދިޔަ ޕްރެޝަރުގެ ސަބަބުން ގަދަޔަށް ބޮލުގައި ރިއްސުމުގެ އިތުރުން އޭނަގެ ލޮލުގެ ފެނުން ވަނީ މަޑުމަޑުން ގޮސް ނެތިފައެވެ.

މިއީ ކުއްލިޔަކަށް ޕާލްއަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މިޓިއުމަރާއި އެކު އޭނަ އުޅެމުންދާތާ 3 އަހަރު ވަނީ ވެފައެވެ. އެންމެ ހަލުވި މިނެއްގައި ޓިއުމަރު ބޮޑުވެފައި ވަނީ ފާއިތުވި އަހަރު ތެރޭގައިއެވެ. މީގެ ކުރިންވެސް އުއްތަރްޕްރަދޭޝްގެ 3 ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް ޕާލްވަނީ ދައްކާފައެވެ. އެހެން ނަމަވެސް 3 ހޮސްޕިޓަލްގެ ޑޮކްޓަރުންވެސް ޕާލް އަދި އޭނާގެ އަނބިމީހާ މަންޖޫއަށް ލަފާ އަރުވާފަ ވަނީ އެއީ އޮޕަރޭޝަން ކުރެވޭނެ އެއްޗެއް ނޫން ކަމާއި ކޮށްފިނަމަ އޭގެ ސަބަބުން ފުރާނައަށް ނުރައްކާ ވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

އެހެން ނަމަވެސް ނައިރު ހޮސްޕިޓަލްގެ ނިއުރޯސާރޖަން ތްރިމުރްތީ ނަދްކަރްނީ އާއި އޭނާގެ އިތުރު 5 ޑޮކްޓަރުން ހިމެނޭ ޓީމުންވަނީ މިއޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކޮށް ނިންމާފައެވެ. މި އޮޕަރޭޝަނަށް 11 ޔުނިޓް ލޭ ބޭނުންވިއެވެ. ޓިއުމަރުގެ 10 އިންސައްތަ ބޮލުގެ ނާށިގަނޑުގެ އެތޭރޭގައި އުފެދިފައިވާ އިރު ބާކީބައި ވަނީ ނާށިގަނޑުން ބޭރުވެފައެވެ. ބޮލުގެ ހަންގަނޑު ބޭރުގައިވާ ބައިގެ މަތިން އުފެދިފައިވުމުގެ ސަބަބުން ޑޮކްޓަރުންނަށް ޖެހުނީ ހަންގަނޑު ކަފާލައިގެން ޓިއުމަރު ނަގާށެވެ. އޮޕަރޭޝަނަށްފަހު ޕާލް ވަނީ ނޭވާ ލެއްވުމަށް އެހީތެރިވެ ދިނުމަށްޓަކައި ވެންޓިލޭޓަރުގައި 3 ދުވަސް ވަންދެން ބާއްވާފައެވެ. މިހާރު ޕާލް އޮތީ އައި.ސީ.ޔޫ ގައެވެ. މަޑުމަޑުން އޭނަގެ ހާލު ދަނީ ރަނގަޅު ވަމުންނެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ޕާލްގެ ލޮލަށް އަލުން ފެންނަން ފަށާނެއެވެ.

މިއޮޕަރޭޝަން ކުރަން އުޅުނު އިރު މީގެ އެއްވެސް ވާހަކައެއް އާންމުންނާއި ޑޮކްޓަރުން ހިއްޞާ ކޮށްފައި ނުވަނީ އޮޕަރޭޝަން ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަން ނެތުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ.

4 ކޮމެންޓް
Mandu
ފެބުރުއަރީ 26, 2018
Shab shab ????
ނާޒް
ފެބުރުއަރީ 25, 2018
ފުރަތަމަ އާޓިކަލް ވަރަށް ފުރިހަމަ
Addu koyya
ފެބުރުއަރީ 25, 2018
Maai Allah ge kulhadhunvanathakan. Avas shifa aka edhen
ައަންމޯލް
ފެބުރުއަރީ 25, 2018
ސުބުޙާނަﷲ. އަވަސް ޝިފާއަކަށް ޕާލް އަށް އެދެން.