English Edition
Dhivehi Edition

ކުވެއިތުގައި މަރާލާފައި އޮތްވާ ފެނުނު ޕިލިޕިންސްގެ އަންހެންމީހާ މަރާލިކަމުގެ ތުހުމަތުގައި ދެމަފިރިއަކު ހައްޔަރު ކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުން ކަމަށް ލުބުނާންގެ ޖުޑީޝަލް އޮފިޝަލަކާ ހަވާލާދީ އަރަބް ނިއުސްގައި ބުނެފައިވެއެވެ.

ޕިލިޕިންސްގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 29 އަހަރުގެ ޖޯންނާ ޑެމަފެލިސްގެ ހަށިގަނޑު ފެނިފައިވަނީ ފެބުރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޖޯންނާ ދިރިއުޅުނު ކަމަށްބުނާ އެޕާޓްމެންޓުގައިހުރި ފްރީޒަރެއްގެ ތެރެއިން ނެވެ. އޭނާ ކުވައިތުގައިހުރި ގޭގައި މަސައްކަތް ކޮށްފައިވަނީ މެއިޑެއްގެ ގޮތުގައެވެ.
ޖޯންނާގެ ހަށިގަނޑު މިފެނުނީ އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓުކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ހަށިގަނޑު ފެނުނުއިރު ހަށިގަނޑަށް ގެއްލުން ދީފައިވާ ކަމުގެ ނިޝާންތައް ބޭރުން ފެންނާން ހުއްޓެވެ. އޭނާ މަރައިލައިފައިވަނީ ކަރުގައި ހިފައިގެން ކަމަށް ބެލެވެއެވެ.

ޖޯންނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމެފިރިންނަކީ ކުވައިތުގައި އޭނާ ގެންގުޅުނު ކަމަށްބުނާ ނަދިރް އެސާމް އައްސާފާއި، އޭނާގެ އަންހެނުން މޮނާ އެވެ.

އޭގެ ތެރެއިން ނަދިރަކީ ލުބުނާން ރައްޔިތެކެވެ. އޭނާގެ އަންހެނުން ނަކީ ސީރިއާގެ ރައްޔިތެކެވެ. އެދެމީހުންވެސް މިހާރުތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަދިރު ހުރީ ބެއިރޫތު ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މޮނާ އިނީ ދިމިޝްގު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އަރަބް ނިއުސްގައި ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން ކުވައިތުން ބުނެފައިވަނީ އެގައުމުގައި ހިނގާ އެފަދަ ހާދިސާތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގައުމުގައި މަސައްކަތްކުރާ ފިލިޕިންސް މީހުންގެ އަދަދަށް ބަލާއިރު އެމީހުންނާމެދު އެ ގައުމުގައި ހިނގާފައިހުރި އެފަދަ ހާދިސާތައް ނިސްބަތުން މަދު ކަމަށް ކުވައިތުންވަނީ ބުނެފައެވެ.