English Edition
Dhivehi Edition

ލިޔުނީ ފޭދޫ ސްކޫލުގެ ދަރިވަރުން: ބ. އަތޮޅަށް ފޭދޫސްކޫލު ބީޓެކް ދަރިވަރުން ކުރާ ދަތުރުގެ ފުރަތަމަ މަންޒިލަކީ ދަރަވަންދޫ އެވެ. ދަރަވަންދޫ އެއަރޕޯރޓަށް އަޅުގަނޑުމެންގެ ބޯޓް ޖެއްސީ ހަވީރު 3 ގަޑީ ތިރީހުގައެވެ. އަޅުގަނޑުމެން ލަގެޖް ހިފައިގެން އެއަރޕޯރޓުން ބޭރަށް ނިކުތުމާއެކީ އަޅުގަނޑު މެންނަށް އަތޮޅު މަދުރަސާގެ ޕްރިންސިޕަލް މުހައްމަދު ނާސީހު ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. އަޅުގަނޑުމެންގެ ފުރަތަމަ މަންޒިލް އިން އިތުރު ހިތްހަމަޖެހުމަށް ލިބިގެން ދިޔައީ ތިމާވެއްޓާއި ރައްޓެހި އުޅަނދެއް ކަމުގައިވާ ބަގީ ދުއްވަން ލިބުމުންނެވެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ތަފާތު ތަޖުރިބާ އެއްގެ އިތުރުން އަޅުގަނޑުމެން ވަރަށް ގަޔާވި ކަމެކެވެ. ދަރަވަންދޫއިން އެންމެ ފުރަތަމަ އަޅުގަނޑުމެން ޒިޔާރަތް ކުރީ ބ އަތޮޅު ތައުލީމީ މަރުކަޒަށެވެ. ތައުލީމީ މަރުކަޒުގެ ދަރިވަރުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. މަރުހަބާއަށްފަހު ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ނާސިހު ދަރިވަރުން ރަށުގައި ހޭދަކުރުމަށް ހަމަޖެހިފައިވާ ހަތަރު ދުވަހުގެ ކަންތައްތައް ކުރިއަށްދާނެ ގޮތުގެ ތަފުސީލު އަޅުގަނޑު މެންނަށް ދެއްވިއެވެ. އޮރިއެންޓޭޝަނަށް ފަހު އަޅުގަނޑުމެންހަވާލުކުރެވިފައިވާ ދަރިވަރުންނާއެކީ މެންދުރުގެ ކެއުން ނިންމާލުމަށްފަހު ދިޔައީ ރަށުތެރެބަލާލުމަށެވެ. ރަށުތެރޭގައި ހިގާލުމުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ދަރަވަންދޫ އަކީ ލާމަސީލު ރަށެއްކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްފައިވާ މެހުމާންދާރީ އަދާކުރުމުގެ އެފަދަ ދެވަނަ އެއް ނެތް ރަށެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ . މެހުމާންދާރީ އަދާކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ އެކެވެ. ކޮންމެ ދިމާލަކަށް ނިކުތަސް ކޮންމެ މީހަކާއި ދިމާވިޔަސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހިނިތުންވުމަކާއި އެކީ މަރުހަބާ ކިޔާ މޫނުތަކެކެވެ. ހިތްހެޔޮކަމާއި އުފާވެރިކަމެވެ. މިރަށަށް މިއީ އަޅުގަނޑުމެންގެ ފުރަތަމަ ދަތުރު ކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް އިހުސާސް ވެގެންދިޔައީ އަޅުގަނޑުމެންނަކީ އެރަށަށް އާ ބައެއް ނޫންކަމެވެ. ރަށުގެ އަހުލުވެރިންކަމެވެ. އާބާދީގައި ގާތްގަޑަކަށް 1،200 މީހުން ދިރިއުޅޭ ދަރަވަންދޫއަކީ ވަރަށް ސާފު ގުދުރަތީ ރީތި މާހައުލެއް ލިބިފައިވާ ހިތްފަސޭހަ ރަށެކެވެ. ހުދު ދޮންވެލިން މުއްސަނދިވެފައިވާ ރީތި ދޮންވެލިގަނޑަކާއި ސާފު މޫދެއްލިބިފައިވާ ދަރަވަންދޫ އަކީ ކުނި މަދު، ތިމާވެއްޓާއި ރައްޓެހި މާހައުލެއްގައި ހަމަހިމޭން ދިރިއުޅުމަކަށް ލޯބިކުރާ ބަޔަކަށް އެންމެ ފުރިހަމަ އެއްރަށަށް ވެގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ދަރަވަންދޫ އަށް ދެވުނީ އީދު ދުވަހު ކަމަށްވުމުން އަޅުގަނޑުމެންނަށް ވަނީ އީދު ކުޅިވަރުތަކުގެ ބައިވެރި ވުމުގެ ފުރުސަތު ލިބިފައެވެ. އަޅުގަނޑުމެންގެ ސަގާފީ ކުޅިވަރެއްކަމުގައިވާ މާލި ނެގުމާއި ފެންކުޅީގައި ބައިވެރިވާން ފުރުސަތު ލިބިގެން ދިއުންވީ އަޅުގަނޑުމެން ވަރަށް ގަޔާވި މަޖާކަމަކަށެވެ. ސަބަބަކީ މި ކުޅިވަރުތަކަކީ އަޅުގަނޑުމެންނަށް މީގެ ހަމަ ލޮލުން ފެނިފައިވާ ކުޅިވަރުތަކަކަށް ނުވާތީ އެ ކުޅިވަރުތައް ހަމަ ލޮލުން ވަގުތުން ބަލާލުމުގެ ފުރުސަތު ލިބުނީމައެވެ. ކުޅިވަރު ތަކުގައި އަޅުގަނޑުމެން ބައިވެރިވީއިރު އަޅުގަނޑުމެންނަށް އެންމެ ފާހަގަވެގެންދިޔައީ ރަށުގެ ރައްޔިތުންގެ އަޅުގަނޑުމެންނަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަން އަދި އެއްވެސް ތަފާތު ކުރުމެއްނެތި ރަށުގެ ރައްޔިތުން ފަދައިން އަޅުގަނޑުމެންނަށް ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމެވެ.