English Edition
Dhivehi Edition

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި ތަންތަނުގައި ހުޅުޖެހުމާއި، އެކިއެކި ހަމަނުޖެހުންތަކުގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުންތަކެއް ދެމުން ގެންދާކަމަށާއި ޕީޕީއެމުން އެއްވެސް އިރެއްގައި އެފަދަ އަމަލެއް ކޮށްފައި ނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޕީޕީއެމްގެ ނައިބްރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ ތަންތަނުގައި ރޯކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާކަމަށެވެ. އަދި މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމަކަށް ވާތީ

ޤައުމުގެ އަމަން އަމާންކަން ނަގާލާ ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ޤާނޫނީ ފިޔަވަޅުއެޅުމަށް ސަލާމަތީބާރުތަކަށް ގޮވާލާކަމަށެވެ..

“ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ ތަންތަނުގައި ރޯކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ ޚަބަރުތައް ފެތުރެމުން އެބަދޭ. މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ޤައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަންތައްތަކެއް. އެފަދަ ފަރާތްތަކާމެދު ވަގުތުން ވަގުތަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ” އަބުދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނައް ގެއްލުންވާފަދަ އެއްވެސްކަމެއް ކުރުމަށް ސަރުކާރާއި ދިފާއީ ބާރުތަކުން ފުރުޞަތު ނުދޭނެކަމަށެވެ.

“މީގެ ކުރިން ޕީޕީއެމުންވެސް ކުރީގެ ސަރުކާރުތަކުން ކުރަމުންދިޔަ ނޭދެވޭ ކަންކަމާ ދެކޮޅަށް އެއްވުންތައް ބޭއްވި. ނަމަވެސް އެއްވެސް އިރެއްގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައި ނުވާނެ. ނަމަވެސް މިހާރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި ތަންތަނުގައި ހުޅުޖެހުމާއި، އެކިއެކި ހަމަނުޖެހުންތަކުގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުންތަކެއް ދެމުން ގެންދޭ”

އޭނާ ވިދާޅުވީ މިއީ ބައެއްގެ އަމިއްލައެދުން ކުރިއަށް ނެރެގެން ރައްޔިތުންލައްވާ ކުރަމުންދާ ޢަމަލުތަކެއްކަމަށެވެ.