English Edition
Dhivehi Edition

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި ބޮޑު އެއްވުމެއް ހުކުރުދުވަހުވެސް ބާއްވާފައެވެ. އެ އެއްވުމުގައި ނަތަންޔާހޫއާ ދެކޮޅަށް ލިޔެފައިވާ ބެނާތަކާއި ބޯޑުތައްވެސް ގެންގުޅެފައިވެއެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ދެ މައްސަލައަކާ މެދު ސުވާލު ކުރެވި ތަހުގީގު ކުރެވިފައެވެ. އެއިގެ ތެރެއިން އެއް މައްސަލަ އަކީ ބޮޑެތި ވިޔަފާރި ވެރިންގެ ފަރާތުން އަގުބޮޑެތި ތަކެތި ހަދިޔާގެ ގޮތުގައި ހޯދާފައި ވުމެވެ. ދެވަނަ މައްސަލަ އަކީ މަގާމުގެ ނުފޫޒާއި ބާރު ބޭނުން ކުރައްވައިގެން އެ ގައުމުގެ ނޫހަކަށް ބާރުފޯރުވާފައިވުމެވެ.

ނަތަންޔާހޫގެ މައްސަލަތައް ތަހުގީގު ކުރެއްވުމަށްފަހު އެގައުމުގެ ފުލުހުން ވިދާޅުވެފައިވަނީ އޭނާއާ ދެކޮޅަށް ގިނަހެކިތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލި ނަމަވެސް، އޭނާގެ މައްސަލަ ޝަރީއަތަށް ގެންދިޔުމާމެދު ގޮތެއް ނިންމަވާނީ އެ ގައުމުގެ އެޓާނީ ޖެނެރަލްއެވެ. އެކަން ނިންމަވާނެ ވަކިދުވަހެއް އެޓާނީ ޖެނެރަލް ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް މާލަސްތަކެއްނުވެ މައްސަލައާމެދު ގޮތެއް ނިންމަވާނެކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެފައިވެއެވެ.