English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް މުޒާހަރާ ކުރުން މުޅި ރާއްޖޭގައި މަނާ ކޮށްފިއެވެ.

މިކަން ހާމަރައްވާ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ ދާއްކާ އާއި 32 ވަނަ މާއްސާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ނުދެއްވާނެ ކަމަށެވެ.

އަދި މިހާތަނަށްވެސް އެ މާއްދާތައް ސަސްޕެންޑު ކޮށްފައިވީ ނަމަވެސް އެ ފުރުސަތު ދެމުންއައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން މާދަމާ ބާއްވަން ނިންމާފައިވާ އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައި ވަނީ މާލެ އާއި، މިހާރު ދިމާވެގެން އުޅޭ މި މައްސަލައާ ގުޅިގެން ގާނޫނާއި ހިލާފު އަމަލު ހިންގައިގެން އުޅޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިމެނޭ ތަންތަނުގައެވެ. ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނޫ އަސާސީގެ 253 މާއްދާގައި ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފައިވަނީ، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ މުއްދަތަށެވެ.

އެހެންނަމަވެސް މި ހާލަތާއި ގުޅިގެން ވަކިވަކި ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގާފައެވެ. އެހެން ނަމަވެސް އާއްމު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތް ކަމާއި، ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނާއި، ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ބިދޭސީންނާއި ފަތުރުވެރިންނަށް ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށާއި، އެ ފަރާތްތަކުގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެކަމުގެ ހުރަހެއް ނެތްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.