English Edition
Dhivehi Edition

ނޭޕާލްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކަޑްގަ ޕްރަސާދް ޝަރްމާ އޯލީ އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ނޭޕާލްގެ އާ ބޮޑުވަޒީރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކާޑްގަ ޕްރަސާދް ޝަރްމާ އޯލީ އަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ނޭޕާލްގެ އާ ބޮޑުވަޒީރުގެ ޒަޢާމަތުގައި ނޭޕާލް ޤައުމީ ގޮތުންނާއި ބައިނަލްއަޤުވާމީ ގޮތުން، އާހަރުފަތަކަށް ކުރިޔަށް ގެންދާނެކަމަށް ޔަޤީންކުރައްވާކަމަށާއި، އެކަމާ ދިވެހިރާއްޖެއިން އުފާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ނޭޕާލްގެ އާ ބޮޑުވަޒީރުގެ އިރުޝާދާއެކު އެޤައުމުގެ ރައްޔިތުންނަށް އުފާފާގަތިކަމާއި، ކުރިއެރުމާއި، ކާމިޔާބީ ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ނޭޕާލާއި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީން ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.