މި ހިނގާ ފެބްރުއަރީ މަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ފަސްހާސް ތިރީސް ތިން ރުފިޔާ ހަތްދިހަ ލާރިކަމަށެވެ. މިއީ އޭގެ ކުރިން ހުރި ޢަދަދަށްވުރެ ގާތްގަނޑަކަށް ނުވަދިހަ ރުފިޔާގެ އިތުރު ޢަދަދެކެވެ.
މީގެ ކުރިން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅިސް ފަސްލާރިއެވެ. މުދަލު ޒަކާތުގެ ނިޞާބު ވާޖިބުވާ މިންވަރު ކޮންމެ ހަމަހަކުން ރިވައިޒްކޮށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި ބަދަލު ގެންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ
މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ