English Edition
Dhivehi Edition

ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރުކޮށީގައި ފުލުހުންގެ ފަރާތުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޝިފާން ވިދާޅުވީ ބައެއް ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އެންމެންނާ ވެސް ސުވާލު ކުރަމުން އަންނަ ކަމަށާއި މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު އާއި ވިލާ ކުންފުނީގެ އެމްޑީ، ސިޔާދު ގާސިމް އާއި އެންދެރިގަސްގެ ކާރު ޑްރައިވަރެއް ކަމަށްވާ ސްރީލަންކާ ރައްޔިތެއް އަދި މައުމޫން އޮފީހުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.