English Edition
Dhivehi Edition

މީގެ ކުރީގައި ވެސް ނިކުތް ކަމަށާއި މިހާރުވެސް މިހުރީ ނުކުންނަން ތައްޔާރަށް ކަމަށް އަދި އެމީހެއްގެ ނިންމުމަކީ އެމީހެއްގެ އަމިއްލަ ނިންމުމަށް ވާންޖެހޭ ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ޗުއްޓީ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ކުރެއްވެވި ޓުވީޓެއްގައި ދުންޔާ ވިދާޅުވީ “އަހަރެން މިހުރީ ނުކުންނަން ތައްޔާރަށް، މީގެކުރިން ވެސް އަހަރެން ނުކުތިން، އެމީހެއްގެ ނިންމުމަކީ އެމީހެއްގެ އަމިއްލަ ނިންމުމަށް ވާންޖެހޭ،” ކަމަށެވެ.


ދުންޔާ މި ނިންމުން ނިންމަވާފައިވަނީ، އޭނާ އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙު ގޯސްވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ހައްގުތަކެއް ހިފެހެއްޓުމަށްފަހު ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ގެ އިތުރުން ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައިވާ މިދަނޑިވަޅުގައި ޔުމްނާ ވަނީ “ހުރިހާ ކަމެއް ދޫކޮށް، ނުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް މި ވަގުތު އެންމެ ރަނގަޅު ގޮތްތޯ ނޫނީ ޒިންމާދާރު ކަމެއްތޯ” ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައްޕާފުޅު މިނިވަންކޮށް ގެ އަށް ދޫކޮށްލުމަށް އިއްޔެ ދުންޔާ ވަނީ ގޮވާލައްވައިފަ އެވެ. އަދި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި މައުމޫނަށް، އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރެއްވޭނެ ގޮތް ހަމަޖައްސައިދީ، ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވަވާފައެވެ.

އެމަނިކުފާނު ދޫކޮށްލަން، ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލައްވާ ކުރެއްވި ޓްވީޓުގައި، ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިސިއާ ސްކޮޓްލޭންޑާއި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަދަ ބޭފުޅުން ޓެގް ވެސް ކުރައްވާފައިވެ އެވެ.