English Edition
Dhivehi Edition

ފިތުރުއީދު ދުވަހަކީ ދިވެހި ރައްޔިތުންގެ ހެވާއި ދަރުމައަށްޓަކައި އެންމެން އެކުވެރިވެ އެއްބައިވަންތަކަން އިސްކުރުމުގެ ވަގުތު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފިތުރުއީދާ ގުޅިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައެވެ. “މިއީ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންގެ ހެވާއި ދަރުމައަށްޓަކައި އެކުވެރިވެ އެއްބައެއްވަންތަކަން އިސްކުރުމުގެ އަޒުމް ހިތުގައި ބިންވަޅު ނަގަންވީ ވަގުތެވެ.” އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެ މެސުޖުގައި ރައީސް ވިދާޅުވެފައިވަނީ ބަރަކާތްތެރި ރަމަޟާންމަހުގެ މަތިވެރި އަޅުކަމަށްފަހު ބައްދަލުކުރި ފިތުރުއީދުގެ ތަހުނިޔާ ޕީޕީއެމްގެ ހުރިހާ މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދޭ މީހުންނަށާއި، ޖުމްލަކޮށް ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާ ކަމަށެވެ. “އީދުދުވަހަކީ ދިވެހިއެންމެހާ އަޚުންނާއި އުޚުތުން އެކުވެރިކުރުވައި އަޅުގަނޑުމެންގެ މެދުގައިއޮތް އެއްބައެއްވަންތަކަން ރަމްޒުކޮށްދޭ އަދި އިސްލާމީ އުންމަތުގެވެސް އެންމެމާތް އެއްދުވަހެވެ. އަޅުގަނޑުމެންނީ އެއްދީނަކަށް، އެއްނަސްކަށް ނިސްބަތްވާ އަދި އެއްބަހަކުންވާހަކަ ދައްކާ ބައެއްކަމުން އަޅުގަނޑުމެންގެ މެދުގައިއޮންނަ އެކުވެރިކަމާއި ގާތްތަކަން މިފަދަ ދުވަހެއްގައި އިތުރަށް ބަދަހިވެގެންދާނެކަން ކަށަވަރެވެ.” އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ފާއިތުވި ރަމަޟާންމަހު ކޮށްފައިވާ އެންމެހައި ހެޔޮއަމަލުތައް މާތްﷲ ގަބޫލުފުޅު ކުރައްވައި ފާފަތައް ފުއްސަވައި ދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. މިގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ އެކުވެރި ބަޔަކަށް ދިވެހިން ލެއްވުން އެދިވެސް އެމަނިކުފާނު ވަނީ ދުޢާ ކުރައްވައިފައެވެ.