English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ކުރަނީ ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސިޔާދު ގާސިމް ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވަނީ މިރޭ ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފުލުހުން ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސިޔާދު ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި އެ މައްސަލާގައި ޖުމްލަ އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ސިޔާދު ހައްޔަރުކޮށްފައިވަނީ ވިލާހައުސް ފާސްކުރުމަށް ފަހު، މިމަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް ސިޔާދު ހައްޔަރުކޮށްފައިވަނީ ކޮން ތުހުމަތެއްގައި ކަމެއް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ސިޔާދު ހައްޔަރު ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނިއިރު، ސަރުކާރު ވައްޓާލަން އުޅުނީ ބަޣާވާތަކުން ކަމަށާއި އެކަމުގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްއިންވަނީ ބުނެފައެވެ،

ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، މައްސަލާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އިބްރާހިމް ސިޔާދު ގާސިމް، ފާތިމަތު ނާސިރާ، އަހުމަދު ފާރިސް މައުމޫން، އަބްދުﷲ ސިނާންކަމަށެވެ. އަދި މި މައްސަލާގައި ގއ. ގެމަނަފުށި އޯކިޑްމާގެ، އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންކަމަށް ޝިފާން ވިދާޅުވިއެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ބޭފުޅުން ރާއްޖެއިން ބޭރުން އަގުބޮޑެތި މުދާގެ ގޮތުގައި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީންވާ ވަރަށް ކިތާބީ ހެކި ވަނީ ލިބިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.