English Edition
Dhivehi Edition

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން، ދިވެހި ސަރުކާރުން އެއްވެސް އިރެއްގައި ބޭރުގެ އަސްކަރީގެ އެހީތެރިކަމަށް އެދިފައެއް ނުވާނޭ ކަމަށް މިނިސްޓްރި އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ބޭރުގެ ދައުލަތްތަކަށް އެދިފައިވާކަމަށް ބުނެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުން ދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ. އަދި މިކަމާ މެދު އެ މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރައްވާކަމަށްވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިސްތިޤުލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނުގެ ވެރިކަން ދެމެހެއްޓުމާ، ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ބަލައިގަތުމަށް އެންމެހާ ފަރާތްތަކަށް ޑިފެންސް މިނިސްޓްރީން ގޮވާލައެވެ.