ހަކުރުބައްޔާއި ގްލޮކޯމާ ފަދަ ލޮލުގެ ބަލިތައް ފަސޭހައިން ދެނެގަތުމަށް، އައިކެއާ ހޮސްޕިޓަލުން އައިރިސް އާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރެޓީނާ ސްކްރީން ކުރާ ހިދުމަތެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި ތައާރަފްކޮށްފި އެވެ.
މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދޫން ނާސިރު އާއި އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު އެވެ. މިކަމުގެ ސަބަބުން ބަލީގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް އަވަހަށް ފަރުވާ ފެށުމަށް މަގުފަހިވެގެންދާނެ އެވެ.
މި ސްކްރީނިން ކުރިއަށް ގެންދަނީ ހާއްސަ ކެމެރާއަކުން ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު، އައިރިސްގެ ‘ސެލީނާ +’ އޭއައި ސިސްޓަމް މެދުވެރިކޮށް އެ ފޮޓޯތައް ތަހުލީލު ކޮށްގެންނެވެ. މީގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތަކާއި، ގްލޮކޯމާ އަދި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަށަވަރު ކުރެވޭނެ އެވެ.
އައިކެއާއިން ބުނީ އޭއައި ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އެކުލެވޭ މި ނިޒާމުގެ ސަބަބުން، ލޮލުގެ ފަރުވާއާ މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ބޭނުމަކީ ލޯ ސްކްރީން ކުރުމުގެ ހިދުމަތް އާންމުންނަށް ވީހާވެސް ފަސޭހަކޮށްދީ، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް ގިނަ ބަޔަކު ހޭލުންތެރިކުރުވުން ކަމަށް ވެސް އެ ތަނުން ބުންޏެވެ.
މި ހިދުމަތް އެކްސްޕޯގެ އައިކެއާ ސްޓޯލުން ލިބެން ހުންނައިރު، މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުގައި ވެސް މި ހިދުމަތް ފަށަން ވަނީ ހަމަޖެހިފަ އެވެ. އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.