އިންޑިއާގެ މަޝްހޫރު ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރަކު، މި މަހުގެ 11 އިން 15 އަށް މާލޭގެ އޯކިޑް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިއްޖެއެވެ. އެ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމުގެ ހިދުމަތް ކުރިއަށްދާނީ އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.
މި ދަތުރުގައި ރާއްޖެ ވަޑައިގަންނަވާނީ ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ. މި ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރެންސްތަކުގެ ހިދުމަތް ލިބޭނެ ކަމަށް އައިކެއަރ އިން މައުލޫމާތު ދެއެވެ.
ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އެ ހޮސްޕިޓަލާ ގުޅިގެން ފަށާ މި ހިދުމަތުގެ ސަބަބުން، މީގެ ކުރިން އިންޑިއާއިން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި އަލަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ދާ ބޮޑު ހަރަދު ސަލާމަތްވެގެންދާނެއެވެ.
މި ދަތުރު މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައިވަނީ ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ކުރިއަށް އޮތް ތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ އޮޕަރޭޝަންތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރާވާފައެވެ.
ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން ރިފާ ކުރާނީ އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށެވެ. އަދި ބަލިމީހުން ފުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓާއި ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރ އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ދެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހުޅުވާލާފައެވެ.