ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާއަށް ތާއީދުކުރާ މީހުން މަގުތަކަށް ނުކުމެ ހަޅުތާލު ކުރަމުންދާތީ އެއްވުންތައް ރޫޅާލުމަށް އެގައުމުގެ ފުލުހުން ކަރުނަގޭސް ޖަހައިފިއެވެ.
ޚާލިދާ ޒިޔާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ހަޅުތާލުކުރަނީ އެކަމަނާ ހައްޔަރުކޮށް 5 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ޚާއްސަ ކޯޓަކުން ހުކުމް ކުރެއްވުމުންނެވެ.
އެކަމަނާއަށް ހުކުމް އިއްވުމަށް ކޯޓަށް ގެންދެވި ހިސާބުން ފެށިގެން ސަޕޯޓަރުން ވަނީ އެގައުމުގެ މަގުތަކަށް ނުކުމެ އެއްވުންތައް ބާއްވައި އެކަމަނާ މިނިވަންކުރުމަށް އެދި ގޮވާލަމުންނެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައެވެ.
ޚާލިދާ ޒިޔާ 5 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އެކަމަނާ ހިންގަވާ ޔަތީމުޚާނާއެއްކަމަށްވާ “އޮފަނޭޖް ޓްރަސްޓް”ގެ ނަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ދީފައިވާ ފައިސާ އަމިއްލަފުޅު ކަންކަމަށް ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ކުރެއްވި ދައުވާ ކޯޓުގައި ސާބިތު ވުމުންނެވެ.
ޚާލިދާ ޒިޔާ 5 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު މި މައްސަލާގައި އެކަމަނާގެ ދަރިކަލުން ތާރިގް ރަހްމާން ވަނީ 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. މި ހުކުމް ކޮށްފައި ވަނީ ވެރިރަށް ޑާކާގެ ޚާއްސަ ކޯޓު-5 އިންނެވެ.