މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ނިޒާމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުފައްދާ ކަރަންޓު ރައްކާކުރުމަށްޓަކައި 537.6 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ވެސް ގާއިމުކުރާނެއެވެ. މި ވަސީލަތްތަކާއެކު ދުވާލު ގަޑީގައި ޑީސަލް އިންޖީނުތަކަށް ބުރަ ނުވެ، އިރުގެ އަލިން ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
މި ނިޒާމު ބޭނުންކުރަން ފެށުމުން، ދޮންފަނަށް ކަރަންޓު ދިނުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް އަންދާޒާ ކުރެވެއެވެ. މީގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަވުމުގެ އިތުރުން، ޖައްވަށް ދޫކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 347 ޓަނު މަދުކުރެވޭނެއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. ދޮންފަނުގައި ފެށި މި މަޝްރޫއަކީ މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.