ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ފަސް އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި ހުކުމް ކޮށްފައި ވަނީ އެގައުމުގެ ވެރިރަށް ޑާކާގެ ޚާއްސަ ކޯޓެއް ކަމަށްވާ ކޯޓު-5 އިންނެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް އެކަމަނާގެ މައްޗަށް މިކުރީ އެކަމަނާ ހިންގަވާ ޔަތީމު ޚާނާއެއްކަމަށްވާ “އޮފަނޭޖް ޓްރަސްޓް”ގެ ނަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ދީފައިވާ ފައިސާ އަމިއްލަފުޅު ކަންކަމަށް ބޭނުން ކުރައްވައިފައިވާ ކަމަށްބުނެ އެގައުމުގެ ސަރުކާރުން ކޯޓަށް ހުށަހެޅި ދައުވާ ސާބިތު ވުމުންނެވެ.
ކޯޓަށް ހުށަހެޅި މިދައުވާގައި، އެކަމަނާގެ މައްޗަށްވަނީ 252،000 އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވިކަން ސާބިތުވެފައެވެ. އެއީ ބަނގްލަދޭޝްގެ ފައިސާ އަށް ބަލާނަމަ 21 މިލިއަން ޓާކާއެވެ.
މި މައްސަލައާ ގުޅިގެން ޚާލިދާ ޒިޔާގެ ފިރިހެން ދަރިފުޅު ތާރިގް ރަހްމާނާއި، ޚާލިދާ ނިސްބަތްވެ ވަޑައިގަންނަވާ ބަނގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) ގެ އިސް ހަތަރު ބޭފުޅަކުވަނީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ކަމަށް “ފަސްޓް ޕޯސްޓް” ގައި ބުނެފައިވެއެވެ.
ޚާލިދ ޒިޔާއަށް މިހުކުމް ކުރެއްވުމުން ބީއެންޕީގައި މިވަގުތު އެންމެ އިސްކޮށްހުންނެވި ލީޑަރު މޭޖަރ ޖެނެރަލް (ރިޓަޔާޑް) ހާފިޒުއްދީން ވިދާޅުވެފައިވަނީ ކޯޓަށް އިތުބާރުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ކުރި ހުކުމާ މެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
ކޯޓުން ހުކުމް އިއްވުމުގެ ކުރިން އިދިކޮޅު އެކްޓިވިސްޓުންނާއި ސަލާމަތީ ފަރާތްތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ.