ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ”ގައި އެއްޗެއް ގޮއްވާލި ހާދިސާގައި ކަން ހިނގާދިޔަ ގޮތުގެ މުޅި މަންޒަރު އެމަނިކުފާނުންގެ ހިތްޕުޅަށް މާތް ﷲ އިލްހާމް ކޮށް ދެއްވެވި ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން އިންތިޒާމްކުރި “ކަނބަލުންގެ ގުޅުން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ 2015 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު މާލެ އައި މަގުމަތީގައި އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައިގެން އޭރު ހުންނެވި ލޯންޗުން ފުލުހުންގެ ލޯންޗަކަށް ބަދަލުވި އިރުވެސް އެކަން ކުރީ ކާކުކަން އެނގިލެއްވި ކަމަށެވެ.
“އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުކަން އެ ހިނދުންވެސް އެނގުނު. މުޅި މަންޒަރު މާތް ﷲ އަޅުގަނޑުގެ ހިތަށް އިލްހާމް ކުރެއްވި،” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އެގޮތަށް ހިނގިކަން ވިދާޅުވާނެެ މީހުން ތިއްބަވާނެ ކަމަށާއި އޭގެ ތެރޭގައި އޭރުގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ލޯންޗުގައި ގޮވި ގޮވުމެއް ނޫން ކަމަށާއި އެއީ އުދުވާނީ ހަމަލާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހުކުމާއެކު ހިނގަން އުޅޭ ކަންކަން ހުކުރު ވިލޭރޭ އައި ހިސާބުން އެނގުނު ކަމަށާއި އެމަންޒަރު ސާފުވެވަޑައިގެންނެވި ކަމަށެވެ.