ދިވެހިރާއްޖޭގެ ގުޅުމަށް ނުދައްކައި އޮތް 18،199 ރުފިޔާ ދެއްކުމަށް، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ދިރާގުން ޑރ. ދީދީއާ ދެކޮޅަށް ކުރި މި ދައުވާއަކީ އެ ކުންފުނިން އެކި ފަހަރު މަތިން އޭނާ ހޯއްދަވާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކަވާ އޮތުމުން ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ކުރެއްވި މި ހުކުމް ނެރެފައިވަނީ ޑރ. ދީދީގެ ޣައިރު ހާޒިރުގައެވެ. ހުކުމުގައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަންގައިފައެވެ.
މި މައްސަލައާ ގުޅިގެން ޑރ. ދީދީ ވިދާޅުވީ، އެއީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ބޭނުންކުރެއްވި އަމިއްލަ ސިމް ކާޑުގެ ރޯމިން ހިދުމަތް، މަގާމުން ވަކިވެވަޑައިގަތުމަށް ފަހުވެސް ދިރާގުން ކަނޑާނުލައި އޮތުމުން އަރާފައިވާ ފައިސާއެއް ކަމަށެވެ. އަދި މިނިސްޓަރު ކަމުން ވަކިވި ފަހުން އެ ހިދުމަތް ކެނޑުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.