ޒުވާނުން މަސްވެރިކަމާ ދުރުކޮށް، ރިމޯޓް ކޮންޓްރޯލުން އިނގިލި ޖަހާލާ އުސޫލުން ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ވަޒީފާތައް ދިނީ އެ މަސްވެރިކަމުގެ ސިނާއަތްތައް ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ގަރާރަށް ވާހަކަދައްކަވަމުންނެވެ.
އެގޮތުން މާރިޔާ ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ މައިގަނޑު ސިނާއަތްތައް ހަލާކުކޮށް، އާންމު ރައްޔިތުން ފަގީރުކުރަމުންދަނީ އެނގިތިބެ ރޭވުންތެރިކަމާއެކު ކަމަށާއި، އޭގެ އަސްލު ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްގެން އިންތިހާބުތައް ކާމިޔާބުކުރުން ކަމަށެވެ.
ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ބާރުތައް ކަނޑުވާލައި، އެއީ ސީދާ އެމަނިކުފާނުގެ އަމިއްލަ މަޖިލީހަކަށް ބަދަލުކުރައްވާފައެވެ. އަދި ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ނައްތާލައި، ސުޕްރީމް ކޯޓުގެ މިނިވަންކަން ގެއްލޭގޮތަށް ކޯޓުތައް އަތުރާލާފައިވާތީ، ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ޒުވާނުން މަސްވެރިކަމާ ދުރުކޮށް، ސަރުކާރު ކުންފުނިތަކުން ސިޔާސީ ވަޒީފާތައް ދިނުމަށްފަހު، މިހާރު ދަނީ އެ ވަޒީފާތަކުން މީހުން ކަނޑައި މަގުމަތިކުރަމުން ކަމަށެވެ. އަދި މަސްދޯނިތައް މަދުވެ، އެ އުޅަނދުތައް މުދާ އުފުލާ ދޯނިފަހަރަށް ބަދަލުވަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރުމުގެ އުސޫލުތަކަށް އެކި ފަހަރު ބަދަލުުގެނެސް، ވިޔަފާރިތައް ބަނގުރޫޓުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން މާރިޔާ ވިދާޅުވީ މީޑިއާތަކުގެ އަނގަބަންދުކޮށް، ރައްޔިތުން ނިކަމެތިކޮށްގެން ނުފޫޒު ފޯރުވުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި ރައްޔިތުން މުޅިން ބަނޑަށް ޖެހުމުގެ ކުރިން މަގުމައްޗަށް ނުކުމެ ވަރުގަދައަށް އިހުތިޖާޖު ކުރުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ.