English Edition
Dhivehi Edition

ދިވެހިރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

ރާއްޖޭގައި ރެއިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބައެއް ހައްޤުތައް ނަގާފައިވާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ބޯރިސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވިދާޅުވީ، ރާއްޖޭގެ މިނިވަން މުވައްސަސާތަކަށް ސަރުކާރުން ދެމުންދާ ގެއްލުމާއި ޤާނޫނު ހަދާ މަޖިލީހުގެ ކަންކަން ނުޙައްޤުން ކުރިއަށްގެންދާތީ އެކަމާއި ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

“ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނެސް، ގާނޫނުއަސާސީގެ ހުރިހާ މާއްދާއަކަށް ފުރިހަމައަށް އަމަލުކޮށް، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށް ގޮވާލަން. އަދި ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު މަސައްކަތްކުރެވޭނޭ މަގު ފަހިކޮށްދޭންޖެހޭ،” ޖޯންސަން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

“އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ސަރުކާރަށް މި ގޮވާލަނީ ސުލްޙަވެރިކަމާއި އެކު، މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަބުރާ ގެންދިއުމަށް. އަދި އެއަށްފަހު ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކޮށް، މަޖިލީސް މިނިވަން ކުރުމަށް،” ބޮރިސް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، ފުލުހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރުކޮށްފައެވެ.