މި އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަށް 2026ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14 ރުފިޔާއެވެ. އަދި މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30 ރުފިޔާއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2026ވަނަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މޭ މަހު ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.
މޭ މަހު އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50 ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50 ރުފިޔާ އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00 ރުފިޔާއެވެ،
މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ. މީގެ އިތުރުން ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ، އަދި އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާގެ އިތުރުން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާއެވެ.