އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލައިފިއެވެ.
އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އޮކްޓޫބަރު 2020 ގައި އެ ހޮސްޕިޓަލުގެ ހިންގުން ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާގޮތަށް ހަމަޖެހި އެ ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާތީ، އެ ހޮސްޕިޓަލް ގައި މަސައްކަތް ކުރާނެ ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިވާކަން ބަޔާންކޮށް “އެޖެންސީތަކުގެ ގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް” 16 ޑިސެންބަރ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އަދި އެކަމަށް ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، އެ ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް އެ ހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު އެއް އަހަރު ދުވަހުގެ މުހުލަތަށް ދެވިގެންދާނެ ކަމަށްވެސް އޭއީއެޗް އިން ބުންޏެވެ.
އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިހޮސްޕިޓަލުގެ ނަންބަރު 6885046 އާ ގުޅުއްވުމަށް އޭއީއެޗް އިން އެދިފައިވެއެވެ.