މާލޭގެ ލޯކަލް މާރުކޭޓު ހުރި ސަރަޙައްދު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ވެޓް މާކެޓް” މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުކުރުން މާލެ ސިޓީ ކައުންސިލުން ލަސްކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކޮށްދިނުމަށް ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް، އެ ބިން މިހާތަނަށް ހަވާލުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ސިޓީ ކައުންސިލުން ބުނަމުންދަނީ ބިން ހަވާލުކުރެވެން ނެތީ، 2023ވަނަ އަހަރުގެ މާރިޗު މަހު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާއެކު މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ވެފައިވާ އެއްބަސްވުމެއް އޮތުމުން ކަމަށެވެ. އަދި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް، ހައުސިންގ މިނިސްޓްރީން ބުނީ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިއެއް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އެ ކުންފުނިން އަމިއްލައަށް އެއްބަސްވުން ބާތިލްކޮށްދޭން އެދިފައިވާއިރުވެސް، ކައުންސިލުން އެކަން ކޮށްފައެއް ނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
“މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް މަސައްކަތް ލަސްވަނީ ބިން ހުސްކޮށް ހަވާލުނުކުރުމުން،” މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މާލޭގެ ރައްޔިތުންނަށް ފަސޭހަަކޮށްދިނުމަށް ޕްލޭންކޮށްފައިވާ މި މަޝްރޫޢަކީ 126 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން 3 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 600 ދުވަހުގެ ތެރޭގައެވެ.