English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް - ފޮޓޯ: 123އާރްއެފް

އުފަންވި ތުއްތު ކުއްޖަކު މަރާލި މައްސަލައެއް ސާބިތުވެ، އެ ކުއްޖާގެ މާމައާއި އިތުރު ދެ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. ކައިވެނީގެ ބޭރުން އުފަންވި މި ތުއްތު ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.

އާއްމުކޮށް ހުޅުވައިނުލައި ސިއްރުން ކުރިއަށްގެންދިޔަ މި ޝަރީއަތް ނިންމައި، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައެވެ. މި މައްސަލައިގައި ހިމެނޭ ތިން މީހުންވެސް ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ.

ކުށް ކުރުމުގައި ބައިވެރިވި މީހުންނަކީ ތުއްތު ކުއްޖާ މަރާލުމުގެ އަމަލުގައި އެންމެ އިސްކޮށް އުޅުނީ ކުއްޖާގެ މާމަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މާމަގެ ލޯބިވެރިޔާވަނީ ކުއްޖާ މަރާލުމުގައި މާމައަށް އެހީތެރިވެދިނުމުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ކުއްޖާގެ މަންމަގެ ލޯބިވެރިޔާވެސް ވަނީ މިކަމުގައި ބައިވެރިވެފައެވެ.