ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމް އަދާކުރެއްވި ގާނޫނީ ވަކީލް ހުސުނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ޝަރީއަތެއްކޮށް، ކުށް ސާބިތުވާ ނަމަ. ދެން ސުވާލަކީ ސުޕްރީމް ކޯޓަށް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކަމެއް ކުރެވިދާނެތޯ. އެ ސުވާލަށް ޖަވާބު ދޭއިރު ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ގާނޫނު އަސާސީގައި އެބަހުރި ބަޔާން ކޮށްފައި. އެއިން ޝަރުތެއް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓަށް ހުކުމް ކުރެވިދާނެ،” ސުއޫދުގެ ލޯ ފާމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ސުއޫދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އޭގެ އިޖުރާއަތްތަކެއް ކަނޑައަޅާފައި އެބައޮތް ކަމަށާއި ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް އެބަހުރިކަމަށެވެ.
“އެ އިޖުރާތްތައް ހުރީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒްކޮށްފައި އެ ބޭފުޅުން އަމިއްލަ އަށް ގަވާއިދަށް ގެނައި އިސްލާހުތަކަކާ އެކު،” ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ރައިސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަށް އަމުރެއް ނެރެން އުޅޭ ކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވާހަކަފުޅު ދައްކަވަފައިވަނިކޮށް ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަ ނުވާ ކަމަށް ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމާ ބެހޭ ގޮތުން ސުއޫދު ވިދާޅުވީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލާޒިމު ކަމެއް ކަމަށާއި ހުކުމްތަކަށް ތަބާނުވާން ގޮވާލާ ފަރާތްތަކާ މެދު ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރަންޖެހޭ ކަމަށާއި ކޯޓުތަކަށް ގާބިލް ފަނޑިޔާރުން އައްޔަންކޮށް، ސަރުކާރުގެ ނުފޫޒުން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭ ގޮތަށް ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެ އިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އެ ނިންމުން އަލުން ރިވިއުކުރުށެވެ.