އައްޑޫ ސިޓީ ގަމުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއަމް) ގެ ތެޔޮ ފިހާރައަށް (ޝެޑަށް) ދާން އޮންނަ މަގަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ އުޅަނދެއް ބޭނުންކުރަމުންދާ މުހިންމު މަގެކެވެ. މިހާރު އައްޑޫ ސިޓީގައި އެންމެ އަގު ހެޔޮކޮށް ތެޔޮ ލިބެނީ އެފްއެސްއެމްއިން ކަމުގައިވާއިރު މިތަނަށް އެމްޓީސީސީ ބަސްތަކާ، ޓެކްސީތަކާއި، ކާރުތަކުގެ އިތުރުން ސައިކަލުތަކަށް ތެޔޮ އަޅަންދާ މީހުންގެ އަދަދުވަނީ ބޮޑު ތަކުން އިތުރުވެފައެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މި މަގު ބެލެހެއްޓުމެއް ނެތި ވީރާނާވަމުން ގޮސް، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ.
މި މަގުގެ ބޮޑު ބައެއް ހަލާކުވެ، ކުދި އަދި ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ. މިކަމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަކޮށް ވާރޭ ވެހިލާއިރަށް މަގުގެ ވަޅުގަނޑުތަކުގައި ބޮޑުތަނުން ފެން ހެދި، މުޅި ސަރަހައްދުގައި ފެންބޮޑުވެއެވެ. އަދި ފެންގަނޑު ހެދުމުގެ ސަބަބުން މަގުގައި ހުންނަ ވަޅުގަނޑުތަކުގެ ފުންމިން ނޭނގި، ދުއްވާ މީހުންނަށް މަގުގެ ހާލަތު ދެނެގަންނަން އުނދަގޫވެއެވެ.
“މިއީ ކޮންމެހެންވެސް ތެޔޮ އަޅަން ދާންޖެހޭ މަގަކަށް ވާއިރު، ވާރޭ ވެހޭ ދުވަސްދުވަހު މިތަނުން ދަތުރުކުރުމަކީ ބޮޑު ބިރެއް. ކަމާބެހޭ ފަރާތްތަކުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭންޖެހޭ،” ސައިކަލެއްގައި ތެޔޮ އަޅަން އައި އާންމު ރައްޔިތަކު ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.
ގަމުގެ އެފްއެސްއަމް މަގަކީ އިގްތިސާދީ ގޮތުންނާއި އާންމު ހިދުމަތުގެ ގޮތުން މުހިންމު މަގަކަށް ވާތީ، މި މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވެއެވެ. އައްޑޫ ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން މަގަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެއެވެ. މިހާރުވެސް އައްޑޫ ސިޓީ ގަމުގައި އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ދާއިރު، ފެން ހިންދާ ނިޒާމު ރަނގަޅުކޮށް، މަގުގައި ތާރު ނުވަތަ ގާ އަތުރަންޖެހެއެވެ. މިއީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހިފައި އޮތް މައްސަލައެކެވެ.