English Edition
Dhivehi Edition
އަލީ އިހްސާން ފޮޓޯ: މިނިސްޓްރީ

ސަރުކާރު ތެޔޮ ކުންފުނި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، އޭގެން ލިބޭ ފައިސާ ލޯންޑާކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުނާއި 2 ގެ އަދި ތެޔޮއުފުލާ 2 ބާޖު ބަލައިފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ. އިތުރަށް އިހްސާން ވިދާޅުވީ މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.