އައްޑޫސިޓީއަށް ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް، އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން އެންމެ ގިނައިން ސުވާލުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަނީ ޕީއެންސީގެ މެމްބަރުން ކަމަށް ހިތަދޫ މދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަޒާން ވިދާޅުވީ އައްޑޫއަށް ތަރައްގީ ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ބުނެ އެ ޕާޓީން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އައްޑޫގެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނަށްވުރެ ބޮޑަށް ވަކާލާތު ކުރަމުންދަނީ ޕީއެންސީގެ މެމްބަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ ދައްކާ ތޯތޯ ވާހަކައެއް ނޫން. މިކަމުގެ މައުލޫމާތު މަޖިލީހުގެ ވެބްސައިޓުން އަދި ޔައުމިއްޔާތަކުން ފެންނަން ހުންނާނެ،” އަޒާން ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުންގެ މަޖިލީހުގެ ހާޒިރީއަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، އެ ޕާޓީގެ މެމްބަރުން ގިނަ ފަހަރަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ ކަމަށެވެ. އަދި ހާޒިރުވާ ވަގުތުތަކުގައިވެސް ގިނައިން ތިއްބަވަނީ މަޖިލީހުގެ ކުޑަދޮށުގައި ވާހަކަ ދައްކަވަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވެނީ ޕީއެންސީގެ މެމްބަރުންނަށް ކަމަށް އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ތަރައްގީއަށް މުހިންމު ބައެއް ބޮޑެތި މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށް ފާހަގަކުރައްވައި، ސަރުކާރުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގައި ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫގެ ބައެއް މަޝްރޫއުތައް ކުރިއަށްދިއުމުގައި ލަސްތަކެއް ހުރި ނަމަވެސް، މި ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ފުއްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަޒާން ވިދާޅުވިއެވެ.