English Edition
Dhivehi Edition
އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ދަރަނި އޮތީ އަތް ނުފޯރާ ފަށަށް ގޮސްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ މި ބިލުގައި ގައުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ހިމަނާފައިވާއިރު، ދަރަނި ނެގޭނެ ގޮތްތަކާއި މެނޭޖް ކުރެވޭނެ ގޮތްތަކާ އަދި ދަރަންޏާ ގުޅޭ މައުލޫމާތު އެ ބިލްގައި ހިމެނޭކަމަށެވެ. ދައުލަތުގެ ދަރަނި އޮތީ އަތް ނުފޯރާ ފަށަށް ގޮސްފައިކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ ގައުމު 120 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށެވެ. އަދި އެ ހާލަތު އުފެއްދީ މި ސަރުކާރަކުން ނޫން ކަމަށާއި ވެރިކަމާ ހަވާލުވީއިރު ވެސް ދަރަނި އޮތީ 120 ބިލިއަނަށް އަރާފައި ކަމަށް އަޒާން ވިދާޅުވިއެވެ.

ދަރަނި ނެގުމަކީ މައްސަލައެއް ނޫން ކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ އެ ފައިސާ ބޭނުންކުރާ ގޮތެއްގެ ސަބަބުން އާހިރުގައި ހިތި ނަތީޖާތަކެއް ނިކުންނަކަމަށެވެ. އެގޮތުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި މަންޒަރު ފެނިގެންދިޔަ ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ނަގައިގެން މައިގަނޑު ކަމަކަށް ކުރީ ރިކަރަންޓް ހަރަދު އިތުރު ކުރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްރޫތައް ހިންގުން ކަމުގައި އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ މި ސަރުކާރުން އެކަންކަން މެނޭޖްކުރުމަށް ހުށަހެޅި ބިލަކީ ކުރިއަށް އޮތްތާއި އެހެން ވެރިކަމެއް އަޔަސް އެގޮތަށް ދަރަނި ނެގުން ތަކުރާރު ނުކުރެވޭނެ ފަދަ ބިލެއް ކަމަށެވެ.