ފަތުރުވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއާ ކަނޑު ސަރަހައްދުގެ ގާލާ ސެރެމަނީ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް، ސެޕްޓެމްބަރު 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު ހަފްލާ ބޭއްވުމަށް ސަރުކާރުން ހޮވާފައިވަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަފްލާގައި މި ތިން ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް ވަނަތަކަށް އެވޯޑު ދިނުން އޮންނާނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތައް އެއް ހަފްލާއަކަށް ރާއްޖެއަށް ދައުވަތުދިނުމަކީ، ބައިނަލްއަގުވާމީ ދާއިރާގައި ރާއްޖެއިން ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުސަތެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެކެވެ. މި ރިސޯޓަކީ އޭޝިއާ, އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީހުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.
މި އެވޯޑުގައި ފާއިތުވި ހަ އަހަރު ވެސް ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ޝަރަފު ލިބިފައެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް މުޅި ދުނިޔެއަށް ދައްކާލުމުގެ ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.