ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އިކުއެޓޯރިއަލް ފިޝިން ކްލަބް (އީއެފްސީ) ގުޅިގެން “ބުރުނު ލައިޓް އައްޑޫ އެޑިޝަން (ރޮނޑާ މަސްރޭސް 1447)” ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ސްޕޯޓްސް ފިޝިން ޓޯނަމެންޓް ކަމަށްވާ “ބުރުނު ބޮމަ ގްލޯބަލް ސްޕޯޓް ފިޝިންގ ޓޯނަމަންޓް” ސަރަހައްދީ ފެންވަރުގައި ފުޅާކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސްޕޯޓްސް ފިޝިން ޓޯނަމެންޓް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ މި މެއި މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައެވެ.
ބޮޑުއީދު ބަންދާ ދިމާކޮށް ބާއްވާ މި މުބާރާތުގައި އައްޑޫގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ޖުމްލަ 24 ޓީމަކުން ވަނީ ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައެވެ.
ވީއެމްސީން ހާމަކުރި ގޮތުގައި “ބުރުނު ލައިޓް” ހަރަކާތުގެ މައިގަނޑު ބޭނުމަކީ ގިނަ ބައެއްގެ ބައިވެރިވުމާއި ޝައުގުވެރިކަން ދިވެހި މަސްވެރިކަމަށާއި ސްޕޯޓް ފިޝިންގަށް އިތުރުކޮށް ހޭލުންތެރިކުރުވުމެވެ. އަދި މީގެ ސަބަބުން އީކޯ ޓުއަރިޒަމް އާއި ސްޕޯޓް ފިޝިންގ ކުރިއެރުވުމަށް މަގުފަހިވެ، އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތައް ފަތުރުވެރިކަމުގެ އާ މަންޒިލްތަކެއްގެ ގޮތުގައި އިޝްތިހާރުވެ، ސަރަހައްދީ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ހޯދައިދިނުމެވެ.
މި މުބާރާތް ކުރިއަށްދާނީ އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން ގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. މުބާރާތުގެ އުސޫލުތައް ބައްޓަންކުރެވިފައިވަނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށެވެ. އެގޮތުން، ކަނޑައެޅިފައިވާ ވަކި ހަމަތަކެއްގެ މަތިން މަސް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގައި ބޭނޭ މަސް ވިއްކައިގެން ލިބޭ އާމްދަނީ ޗެރިޓީއަށް ހަދިޔާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ބާނާ މަހުގެ ބާވަތް، ބަރުދަން އަދި ދިގުމިނަށް ޕޮއިންޓްދޭ ނިޒާމަކަށެވެ. މުބާރާތުން އެންމެ މޮޅު 3 ޓީމު ހޮވުމުގެ އިތުރުން، އެންމެ ބަރު މަސް ބޭނި ފަރާތް، އެންމެ ގިނަ މަސް ބޭނި ފަރާތް، އެންމެ ޒުވާން މަސްވެރިޔާ، އަދި މުބާރާތުގެ އެންމެ މޮޅު މަސްވެރިޔާ (އެންގްލަރ އޮފް ދަ ޓޯނަމަންޓް) ހޮވުމަށް ވަނީ ހަމަޖެހިފައެވެ.