މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މަރިޔައްޕަން ގަނެޝަންއާއި، ނ. ކެނދިކުޅުދޫ ގުލްފާމްގެ، 27އަހަރުގެ އިބްތިޝާމް އަލީ އަދި ސ.ހިތަދޫ ދެކުލައަރާގެ، 54 އަހަރުގެ އިބްރާހީމް މައުސޫމެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އިބްތިޝާމް އަލީއާއި، އިބްރާހީމް މައުސޫމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެގޮތުން ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް އަލީ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މައުސޫމް ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އިބްތިޝާމް އަލީއާއި، އިބްރާހީމް މައުސޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މަރިޔައްޕަން ގަނެޝަން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މިމަހުގެ 17ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވާ ކަމަށާއި، މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ، ތަހުގީގު ކުރަމުންނެވެ.