ވ. އަލިމަތިމާ ކައިރީގައި އޮތް ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ފެންމައްޗަށް ނަގައިފިއެވެ.
މި ހާދިސާ ހިނގި ދުވަހު އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ފެނިގެން ނަގާފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ އެންމެ ފުނުން ލޮކޭޓް ކުރެވުނީ އިއްޔެ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު މޫދު އަޑިން ނެގިކަން ކަށަވަރުވެފައިވީ ނަމަވެސް، ރަސްމީ އިދާރާއަކުން އަދި މިކަމާ ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރެ އެވެ. ބާކީ އޮތް ދެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރިއަށްދާނީ މާދަމާ އެވެ.
ރިކަވަރީ މިޝަންގެ އިސް ފަރާތެއް ކަމަށްވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ބުނި ގޮތުގައި، ގެއްލުނު މީހުން ލޮކޭޓް ކުރެވުނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ތިން ގަޑިއިރަށް ކުރި ފުން ޑައިވްއަކަށް ފަހުގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަށިގަނޑުތައް ލޮކޭޓް ކުރެވުނީ ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ފޮނުވި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަން ކުރިއަށްދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. އެއާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން އަލުން ފެށީ އިއްޔެ ހެނދުނު އެވެ.
މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި “އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.