ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެސްޓަން ވިލާ ޖާގަ ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުން ޖާގަ ހޯދުމަށް ލިވަޕޫލަށް މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުރިއަށް އޮތް ނަމަވެސް، އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ ވަނީރޭ ކުޅެވުނު މި މެޗަށް ވަރުގަދަ ސްކޮޑެއް ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޮލީ ވަޓްކިންސް ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 42 ވަނަ މިނިޓްގައި މޯގަން ރޮޖާސް ކާމިޔާބުކޮށްފައިވަނިކޮށް މެޗުގެ 52 ވަނަ މިނިޓްގައި ލިވަޕޫލުގެ ވާޖިލް ފެން ޑައިކް ކާމިޔާބުކޮށްދިން ލަނޑު މެޗްގެ ނަތީޖާ 1-1 ން އެއްވަރުވިއެވެ. 1-1 އިން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އެސްޓަންވިލާގެ ވަޓްކިންސް ވަނީ 57 ވަނަ މިނިޓާއި 73 ވަނަ މިނިޓްގައި އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ
އެސްޓަން ވިލާގެ ފަރާތުން ފެނުނީ ވަރަށް ރޭވުންތެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު މޯގަން ރޮޖާސް ކާމިޔާބުކުރިއިރު، ވަޓްކިންސް ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 89 ވަނަ މިނިޓްގައި ވިލާގެ ކެޕްޓަން ޖޯން މެކްގިން ފޮނުވާލި ހިތްގައިމު ބޯޅައިން ކާމިޔާބުކުރި 4 ވަނަ ލަނޑާއެކު ވިލާ އިން މެޗުގެ ކާމިޔާބީ ކަށަވަރުކުރިއެވެ. މިމެޗްގައި ލިވަޕޫލްގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ އިތުރުވަގުތުގެ 2 ވަނަ މިނިޓްގައެވެ.
“ޗެމްޕިއަންސް ލީގުން ޖާގަ ލިބުމަކީ ހަގީގަތުގައިވެސް އާދަޔާ ހިލާފު ކާމިޔާބީއެއް،” ވިލާގެ ކޯޗް އެމެރީ ބުންޏެވެ. “ދެ މުބާރާތެއްގައި އެއް ފެންވަރެއްގައި ވާދަކޮށް، ނަތީޖާ ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. ޕްރިމިއާ ލީގުގައި އަހަރެމެން މި ދެއްކި ކުޅުމާ މެދު އަހަރެން ފަހުރުވެރިވަން.”
މި ބައްޔާއެކު ލިވަޕޫލް ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. އެ ޓީމަށް މިހާރު ލިބިފައިވަނީ ހަވަނައިގައި އޮތް ބޯންމައުތަށްވުރެ އެންމެ ހަތަރު ޕޮއިންޓު އިތުރަށެވެ. އަދި ބޯންމައުތަށް ބާކީ ދެ މެޗު އެބައޮތެވެ.
ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު ކުޑަކޮށް އޮތުމާއި ޓީމުގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން ކޯޗު އާން ސްލޮޓްގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް، ސްލޮޓް ހުރީ އަންނަ ސީޒަނުގައިވެސް މަގާމުގައި ދެމިހުންނާނެ ކަމުގެ އިތުބާރާއެކުގައެވެ.
“މިއީ އަހަރެންގެ ވާހަކައެއް ނޫން، މިއީ ނަތީޖާއާ މެދު އަހަރެމެން އެންމެން މާޔޫސްވުމުގެ ވާހަކަ. އިއްޔެވެސް އަހަރެން މި ވާހަކަ ދައްކައިފިން،” މަގާމުން ވަކިކުރުމަށް ގޮވާލަމުންދާ އަޑުތަކަށް އިޝާރާތްކޮށް ސްލޮޓް ބުންޏެވެ. “އަހަރެމެންގެ މިހާރުގެ އަމާޒަކީ ބްރެންޓްފޯޑް މެޗު. ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދައި، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ އަހަރެމެންގެ މަގްސަދު.”
ލިވަޕޫލްގެ މުހިންމު ކުޅުންތެރިން ކަމަށްވާ އެލިސަން ބެކާ، އެލެގްޒެންޑަރ އިސާކް އަދި ހޫގޯ އެކިޓިކޭ އަނިޔާގެ ސަބަބުން ރޭ ކުޅެވުނު މި މެޗުގައި ނުކުޅެއެވެ. އަދި ފްލޯރިއަން ވީޓްޒް އާއި މުހައްމަދު ސަލާހުވެސް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ.
މިއީ އެސްޓަންވިލާއިން 1982/83 ގެ ފަހުން ޔޫރަޕްގެ އެންމެ މަތީ ފަންތީގެ މުބާރާތުގައި ވާދަކުރާނެ ދެވަނަ ފަހަރެވެ.
އަންނަ އަންގާރަ ދުވަހު މެންޗެސްޓަރ ސިޓީ އާއި ބޯންމައުތު ބައްދަލުކުރާ މެޗުން ބޯންމައުތު މޮޅުވެއްޖެނަމަ، ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމަށް ފަހު މެޗުގައި ބްރެންޓްފޯޑް އަތުން މޮޅުވުން މަޖުބޫރުވާނެއެވެ.